19 Nov 2016, 12:26
ޗެލްސީ ފޯވަޑް ޑިއޭގޯ ކޮސްޓާ ރުޅި މައިތިރި ކުރަން ދަސްކޮށްފި ކަމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ކުރީކޮޅު ކޮސްޓާގެ އަމަލުތައް ހުރި ގޮތުން އޭނާ އަށް ރީނދޫ ކާޑުތަކެއް ދައްކާފައިވުމުން ސަސްޕެންޝަނަކާ ދިމާލަށް ވަރަށް އަވަހަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އޭނާ އަށް އިތުރު ރީނދޫ ކާޑެއް ދައްކައިފި ނަމަ، އެއް މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހޭނެ އެވެ.
"ކޮސްޓާ އަށް ރުޅި މައިތިރި ކުރެވޭކަން އޭނާ ދައްކުވައިދީފި. އެއީ ވަރަށް ރަނގަޅު ކަމެއް. ކޮސްޓާ އަށް ގިނަ ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހޭ. މިހާރު އަހަރެންނަށް ކޮސްޓާ އަކީ ދުނިޔޭގެ އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް،" ޗެލްސީގެ ކޯޗު ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ، ކޮސްޓާގެ ފަރާތުން މިހާރު ފެންނަމުންދާ ރަނގަޅު އަމަލުތައް ދަމަހައްޓައި، ކުޅުމުގެ ފެންވަރު އެއް ވަރެއްގައި ދަމަހައްޓަން ޖެހޭ ކަމަށާއި ކޮސްޓާ އަކީ ޓްރޭނިން އަދި މެޗުތަކުގައި ވެސް ވަރަށް ރަނގަޅަށް މަސައްކަތްކުރާ ކުޅުންތެރިއެއް ކަމަށެވެ.
މިހާރު ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމުގައި ވެސް އޮތީ ކޮސްޓާ އެވެ. އޭނާ ވަނީ ލީގުގައި ކުޅުނު 11 މެޗުން ނުވަ ލަނޑު ކާމިޔާބުކޮށްފަ އެވެ.