ކަރާކަސް (ނޮވެމްބަރު 19): ވެެނެޒުއޭލާގެ ރައީސްގެ އަނބިކަނބަލުން ސީލިއާ ފްލޮރެސްއަށް ބޮޑުދައިތަ ކިޔާ ދެ މީހަކު އެމެރިކާ އަށް 800 ކިލޯ ގްރާމުގެ ކޮކެއިން އެތެރެ ކުރަން މަސައްކަތް ކުރި ކަން ކޯޓުގައި ސާބިތުވެއްޖެ އެވެ.

އެމެރިކާގެ ޑްރަގް އެންފޯސްމެންޓް އޭޖެންސީ (ޑީއީއޭ) އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ކާމްޕޯ ފްލޮރެސް އާއި ފްރެންސިސްކޯ ފްލޮރެސްގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގަ އެވެ. އެމައްސަލައާ ގުޅިގެން އެ ދެ މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުން ސީލިއާ ފްލޮރެސް -- ފޮޓޯ: އޭއެފްޕީ

ޕްރޮސިކިއުޓަރުން ބުނި ގޮތުގައި އެދެމީހުން އެމެރިކާ އަށް ކޮކެއިން އެތެރެކުރަން މަސައްކަތް ކުރީ ވެނެޒުއޭލާގެ ރައީސްގެ އާއިލާއަށް ހާއްސަ ފްލައިޓަކުން ކަން ޝަރީއަތަށް ލިބިފައިވާ އޯޑިއޯ ރިކޯޑިންތަކުން ދޭހަވެ އެވެ.

ނަމަވެސް ދިފާއީ ވަކީލުން ވަނީ ޑީއީއޭއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މައުލޫމާތު ފޯރުކޮށްދިން މީހާ ދިޔައީ ކޮކެއިން ވިއްކައި، ބޭނުން ކުރަމުން ކަމުން އޭނާއަކީ އިތުބާރު ނުކުރެވޭ އިންފޯމެންޓެއް ކަމަށް ބުނެފަ އެވެ.

ްއެއޮޕަރޭޝަނަށް މައުލޫމާތު ފޯރުކޮށްދިން ސަންޓޯސް ޕީނާގެ ހެކިބަސް ހޯދުމަށް ޓަކައި ޑީއީއޭ އިން ވަނީ އޭނާއާ އެކު އެއްބަސްވުމެއް ހަދާފަ އެވެ. ނަމަވެސް އޭނާގެ ހެކި ބަހަކީ ދޮގުކަން ދިފާއި ވަކީލުން ސާބިތު ކުރުމުން ޕްރޮސިކިއުޓަރުން ވަނީ އެއެއްބަސްވުން އުވާލިކަމަށް ބުނެފަ އެވެ.

އެ މައްސަލައާ ބެހޭ ގޮތުން ވެނެޒުއޭލާގެ ފަސްޓް ލޭޑީ ސީލިއާ އަދި އެއްޗެކޭ ވިދާޅުވެފައި ނުވެ އެވެ. (ބީބީސީ)