އިސްލާމް ދީނުގެ ތެރޭގައި އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ، ތަފާތު މަޒުހަބުތަކުގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިން ކަމަށާއި އެ ތަފާތުތަކާއި ހަމަނުޖެހުންތައް ނައްތާލަން ޖެހޭ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އިން އިންތިޒާމުކޮށްގެން ބާއްވާ "އިސްލާމީ ހޭލުމުގެ ބައިނަލްއަގުވާމީ މަހާސިންތާ" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ، އިސްލާމް ދީނުގެ މަޒްހަބުތަކުގެ ވިސްނުން ތަފާތުވެ އެކި ކަހަލަ ހަމަނުޖެހުންތައް ހިނގަމުންދާތީ، ބައިނަލްއަގުވާމީ މަސްރަހުގައި މުސްލިމުން ހިފަހައްޓަމުން އައި މަގާމު ދޫވަމުން ދާ ކަމަށެވެ.

"އިސްލާމް ދީނުގެ މަޒްހަބުތަކުގެ ޚިޔާލު ތަފާތުވެ ހަމަނުޖެހުން ހިނގުމަކީ މިއަދުގެ އެންމެ ބޮޑު މައްސަލަ. މަޒްހަބުތައް އެއްބައިވަންތަ ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަގުވާމީ ކަންކަމުގައި މުސްލިމުން ހިފަހައްޓާ މަގާމު ވަނީ ދޫވެފައި. އަދި އިސްލާމީ ގައުމުތަކުގެ މެދުގައި ދާޚިލީ ހަމަނުޖެހުންތައް ވަނީ އިތުރުވެފައި،"

އިސްލާމީ ހޭލުމުގެ ބައިނަލްއަގުވާމީ މަހާސިންތާގައި ނައިބު ރައީސް ޖިހާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނައިބު ރައީސް ވިދާޅުވީ، އިސްލާމް ދީނަކީ ހަމަނުޖެހުން އުފެއްދުމާ މުޅިން ދެކޮޅު ދީނެއް ކަމަށާއި އިސްލާމް ދީނަކީ ކެތްތެރި، އަދި ކެތްތެރިކަމަށް ބާރުއަޅާ ދީނެއް ކަމަށެވެ.

ނައިބު ރައީސް ޖިހާދު ވިދާޅުވީ، ދުނިޔޭގެ ގިނަ ބަޔަކު އިސްލާމް ދީން ދެކެމުން އަންނަނީ، ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތަކުގެ އަޑީގައި ތިބޭ ބައެއްގެ ގޮތުގައި ކަމަށެވެ.

"ދުނިޔޭގައި ހިނގާ ބޮޑެތި ޖަރީމާތަކުގެ އަޑީގައި ތިބި ބައެއްގެ ގޮތުގައި، މުޅި ދުނިޔެއިން މުސްލިމުން ބަލައިގަންނަމުން އަންނަ އައުން ހުއްޓުވަން ޖެހޭ. މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނާ ދެމެދު މިކަމުގައި މަޝްވަރާކޮށް، ހައްލެއް ހޯދަންޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.