ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑްގައި ހޭދަކުރި މުއްދަތުގައި ސާޑިއޯ މާނޭ، އެ ކްލަބަށް ނުގެންދެވުމަކީ ހެދުނު ގޯހެއްގެ ގޮތުގައި މިހާރު ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވެހުރި ޔާގަން ކްލޮފް ސިފަކޮށްފި އެވެ.

ލިވަޕޫލްގެ ކޯޗުކަމާ ކްލޮޕް ހަވާލުވުމަށް ފަހު، އޭނާ ވަނީ ސައުތުހެމްޓަން އަށް ކުޅެމުންދިޔަ މާނޭ، ލިވަޕޫލަށް ގެނެސްފަ އެވެ. މި ސީޒަނުގައި ލިވަޕޫލަށް ސެނަގޯލް ފޯވަޑް މާނޭ ސޮއިކޮށްފައި ވަނީ 34 މިލިއަން ޕައުންޑްގެ އަގަކަށެވެ.

އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގުން 2014 ވަނަ އަހަރު ސައުތުހެމްޓަންއާ މާނޭ ގުޅުމުގެ ކުރިން ޑޯޓްމަންޑަށް އޭނާ ނުގެންދެވުމުން ހިތްހަމަނު ޖެހޭ ކަމަށް ކްލޮޕް ބުނެ އެވެ.

"ޑޯޓްމަންޑަށް މާނޭ ނުގެންދެވުމަކީ އޭރު އަހަރެންނަށް ހެދުނު ގޯހެއް. ލިވަޕޫލަށް އޭނާ ގެނައުމަށް އަހަރެންނަށް ބޮޑު ވިސްނުމަކަށް ދާކަށް ނުޖެހުނު. ގިނަ މަޝްވަރާތަކަކާ ނުލައި، މާނޭ ގެނެވިދާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ލިވަޕޫލްގެ ސްޕޯޓިން ޑިރެކްޓަރު ބުނުމުން އޭނާ ގަނައުމަށް އަހަރެން 'އާނ' ބަސް ބުނިން،" އޭނާ ބުންޏެވެ.

ލިވަޕޫލްއާ ގުޅުމަށް ފަހު މާނޭ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. އަދި އޭނާ އަކީ މިހާރު ކްލޮޕްގެ ރޭވުންތަކުގައި ހިމެނޭ މުހިންމު ކުޅުންތެރިއެކެވެ.