14 Jun 2011, 19:10
މާލެ ސިޓީ ކައުންސިލާ ގުޅުން ހުރި ބައްދަލުވުންތަކަށް މޭޔަރު، ސަރަނގު އާދަމް މަނިކަށް އެކަނި ވަޑައިނުގެންނެވޭ ގޮތަށް ކައުންސިލުން އިއްޔެ ނިންމައިފި އެވެ.
އެ ނިންމުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން އިއްޔެ ނެރުނު ބަޔާނުގައި ބުނަނީ، "ސީދާ މޭޔާ އަށް ހާއްސަކޮށް ދައުވަތު ދެއްވާފައިވާ ޖަލްސާތައް ފިޔަވައި، ކައުންސިލަރުންނާ ނުލާ ކައުންސިލާ ގުޅުންހުރި އެއްވެސް ބައްދަލުވުމަކަށް މޭޔާ ވަޑައިނުގަތުމަށާއި އަދި ގިނަ ތަފާތު ބައްދަލުވުންތަކަށް ކައުންސިލަރުން ވަޑައިގަންނަވާ ގޮތަށް" އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
"މިގޮތުން ސަރުކާރުގެ މުއައްސަސާތަކާއި އަދި އެހެނިހެން ފަރާތްތަކާ އެކު ބާއްވާ ބައްދަލުވުންތަކަށް މަދުވެގެން ދެ ކައުންސެލަރުން ވަޑައިގަންނަވަން ޖެހޭނެ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތަށް ނިންމީ މޭޔަރަކީ އިދާރީ އޮފީސް ހިންގުމުގެ ކަންތައްތަކާ އިސްކޮށް އުޅުއްވާ ބޭފުޅާ ކަމަށްވާތީ އެކަންކަން ކުރިއަށް ގެންދިއުމަށް ޓަކައި ފުރުސަތު ދިނުމަށް ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެ އޮފީހުން ނިންމަން ޖެހޭ ހުރިހާ ބޮޑެތި ނިންމުމެއް، "ހާއްސަކޮށް ސަރުކާރުގެ ވައުދުތަކާއި ޕޮލިސީތައް ތަންފީޒުކުރަން ނިންމަން ޖެހޭ ކަހަލަ ކަންތައްތައް" ނިންމަން ޖެހޭނީ ކައުންސިލަށް ހުށަހަޅާ އެކަމެއް ފާސްކުރުމަށް ފަހު ކަމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި މެމްބަރުން ނިންމާފައިވާ ކަމަށް އެބަޔާނުގައި ބުނެ އެވެ.
"މިގޮތަށް މި ކަންތައްތައް ނިންމަންޖެހުނު ސަބަބަކީ ސަރުކާރުގެ ހުރިހާ ވުޒާރާތަކާ އެކު މިހާރަށް ވުރެ ބޮޑަށް ގުޅުން ބަދަހިކޮށް އެ ފަރާތްތަކަށް ދޭންވާ އެއްބާރުލުމާއި އިހްތިރާމްދީ މި ކައުންސިލަށް އެ ފަރާތްތަކުގެ އިހުތިރާމް ލިބިގަތުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިސީ އާ އެއްގޮތަށް ސަރުކާރުގެ ވައުދުތައް ފުއްދުމުގަ އާއި ރައްޔިތުންނަށް ފައިދާ ހުރި މުހިންމު ކަންތައްތަކުގައި ކައުންސިލްގެ ތާއީދާއި އެއްބާރުލުން ދިނުމަށްޓަކަ އެވެ." ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުގައި، އެކިއެކި ބައްދަލުވުންތަކަށް މޭޔާ ވަޑައިގަތުމާ ބެހޭ މައްސަލަ އިއްޔެގެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ހުށަހެޅުއްވީ މޭޔަރުކަމަށް ސަރަނގު އާދަމް މަނިކާ ދެކޮޅަށް ވާދަކުރެއްވި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހެވެ.
އަދި އެ ނިންމުމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި 11 މެންބަރުންގެ ކައުންސިލްގައި ހިމެނިވަޑައިގަންްނަވާ، ހަ ކައުންސިލަރަކު ސޮއިކުރައްވާފައިވެ އެވެ؛ އެއީ އެމްޑީޕީގެ ޓިކެޓުގައި ހޮވިވަޑައިގެންފައިވާ ފަލާހާއި މުހައްމަދު އައިމަން އިސްމާއިލް އާއި ހަސަން އަފީފް އާއި ލުފްޝާން ޝަކީބާއި އަހުމަދު ޝަމާހު ރަޝީދުގެ އިތުރުން ޑީއާރްޕީގެ ޓިކެޓުގައި ހޮވިވަޑައިގަތް އިބްރާހިމް ރަޝީދެވެ.
ސިޓީ ކައުންސިލްގެ މި ނިންމުމާ ގުޅޭ ގޮތުން އާދަމް މަނިކުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.