19 Nov 2016, 10:30
މާދަމައިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކަން ނިންމައިފިއެވެ.
އެމްއެމްއޭގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ، އާދީއްތަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އެމްއެމްއޭއިން ޑޮލަރު ވިއްކަމުން ގެންދާނޭ ކަމަށާއި އޭގެ ފަހުން، ޑޮލަރު ވިއްކާނީ، އެއާޕޯޓުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބިއެމްއެލް)ގެ ބްރާންޗު މެދުވެރިކޮށް ފުރާ ޓާމިނަލުން ކަމަށެވެ.
މާދަމާއިން ފެށިގެން ޖެނުއަރީ ހަތް ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 6:00 އަކާއި ދެމެދު އެމްއެމްއޭއަށް ދާ ފަރާތްތަކުގެ ޑޮކިއުމެންޓް ޗެކްކުރުމަށްފަހު ސްލިޕެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ހަވީރު 4:00 އިން ފެށިގެން އެމްއެމްއޭއިން ޑޮލަރު ދޫކުރުމަށް ވަނީ ނިންމާފައެވެ.
"ކުރިން އައިސް ކިޔޫ ހަދައި ތިބޭކަށް ނުޖެހޭނެ، ހެނދުނު ނުވައަކުން އިރުއޮއްސި ހަޔަކާ ދެމެދު އެމްއެމްއޭއަށް އައުމުން އެދުވަހު ޑޮލަރު ލިބޭނެ،" ގަވަރުނަރު ވިދާޅުވިއެވެ.
ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ވިއްކުމަށް ނިންމާފައިވާއިރު ޑޮލަރު ވިއްކުމަށް ނިންމާފައިވަނީ ފުރާ ދުވަހުގެ ހަތް ދުވަސް ކުރިންނެވެ.
އަތޮޅުތެރޭ ބެންކްތަކުން ވިއްކާ ޑޮލަރު ހަމަ ކުރިއެކޭވެސް އެއްގޮތަށް ވިއްކާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.
ގަވަރުނަރު ވިދާޅުވީ، ޖެނުއަރީ ހަތެއްގެ ފަހުން ދެން ބޭރަށް ފުރާ ދިވެހިންނަށް ޑޮލަރު ވިއްކާނީ ބޯޑިން ޕާސް ހިފައިގެން ދިއުމުން ޓާމިނަލްގެ ތެރެއިން ކަމަށެވެ. އެއާއެކު ޑޮލަރު ގަތުމަށް ހޭދަކުރަންޖެހޭ ވަގުތުކުޑަވެސް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރުގެ ރޭޓުން ޑޮލަރު ވިއްކުމަށް، އެމްއެމްއޭއިން މީގެ ކުރީން ކޮންމެ ހަފްތާއަކު 1.2 މިލިއަން ޑޮލަރު ބޭންކުތަކަށް ވިއްކައެވެ. ދެން އެޑޮލަރު ވިއްކާނީ އެމްއެމްއޭއިންނެވެ.
ބޭރަށް ފުރާމީހުންނަށް ވިއްކުމަށްދޭ ޑޮލަރާއެކު އެހެން ބޭނުންތަކަށް އެމްއެމްއޭއިން ދަނީ ހަފްތާއަކު 4.3 މިލިއަން ޑޮލަރު ބޭންކްތަކަށް ވިއްކަމުންނެވެ.