އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލު ކުރުމަށް ޓަކައި އެމެރިކާ ހިމެނޭ ގޮތަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާ އެކު ވެފައިވާ ބައިނަލްއަގްވާމީ އެއްބަސްވާ ދެކޮޅަށް، އެމެރިކާގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް، އެ ގައުމުގެ ޖާސޫސީ މައި އިދާރާގެ ވެރިކަމަށް އައްޔަން ކުރުމަށް ހަމަޖައްސަވާފައިވާ މައިކް ބޮންބިޔޯ އިއްޔެ ވަނީ ވާހަކަ ދައްކަވާފަ އެވެ.

ބޮންބިޔޯ ވިދާޅުވީ ޓްރަމްޕް، އެމެރިކާގެ ރައީސްކަމަށް އިސްވެ ވަޑައިގަތުމުން އެ އެއްބަސްވުން އުވާލެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެއީ އެމެރިކާގެ މަސްލަހަތަށް ފައިދާ ހުރި އެއްބަސްވުމެއް ނޫންކަމުގަ އެވެ. އެމެރިކާގެ ރިޔާސީ ކޭންޕޭންގެ ދުވަސްވަރު ޓްރަމްޕްވެސް ވަނީ އޭނާ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އީރާނާއެކު ދުނިޔޭގެ ބާރުތަކުން ސޮއިކޮށްފައިވާ އެއްބަސްވުން އެމެރިކާގެ ސައިޑުން އުވާލާނެ ކަމަށް އެއްފަހަރު ވިދާޅުވެފަ އެވެ. ނަމަވެސް މި ވިދާޅުވުން އިތުރަށް އޭނާ ތަކުރާރުކުރައްވާފައެއް ނުވެ އެވެ.

އެއަށް ފަހު ޓްރަމްޕް، ކޭންޕޭންތަކުގައި ވިދާޅުވަމުން ގެންދެވީ ވެރިކަން ލިބިވަޑައިގެންފި ނަމަ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ އަށް ގެއްލުން ލިބޭނެ މިންވަރު އިތުރަށް ބަލައި މުރާޖަޢާ ކުރައްވާނެ ކަމުގަ އެވެ. މިގޮތަށް ދެތިންފަހަރު ވިދާޅުވެފައިވެ އެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން އިއްތިފާގުން ފާސްކޮށްގެން އެމެރިކާ ހިމެނޭގޮތަށް ދުނިޔޭގެ ބޮޑު ފަސްބާރާއި ޖަރުމަނުން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ ގާނޫނަކާ އެއްފެންވަރުގެ އެއްބަސްވުމެކެވެ. އެހެންކަމުން މިއެއްބަސްވުން އުވާލުމަކީ ގާނޫނީ ގޮތުން އެމެރިކާގެ ސަރުކާރަށް ކުރެވޭނެ ކަމެއްނޫންކަމަށް ގާނޫނީ ތަޖްރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.

މިއެއްބަސްވުމަކީ އދ. ސަލާމަތީ މަޖިލީހުގެ ގަރާރަކުން ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި އެމެރިކާ އޮވެގެން މިއެއްބަސްވުން ގަބޫލު ނުކުރުމަކީ ނުވަތަ އުވާލުމަކީ އދ.ގެ ޗާޓަރާ އަދި ބައިނަލްއަގްވާމީ ގާނޫނާ އެމެރިކާ ޚިލާފުވުން ކަމަށް ގާނޫނީ މާހިރުން ވިދާޅުވެ އެވެ.

އެމެރިކާގެ ސައިޑުން މިއެއްބަސްވުން އުވާލުމަށް އެމެރިކާގެ ސަރުކާރާއި ކޮންގްރެސް އިން ނިންމި ނަމަވެސް މިއެއްބަސްވުމާއެއްގޮތަށް ޗައިނާއާއި ރަޝިޔާއާއި ޖަރުމަނާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން އަމަލުކުރަމުންގެންދާނެ އެވެ.

އަނެއްކޮޅުން މިއެއްބަސްވުން އދ.ގެ ތެރެއިން އުވާލުމަށް ބަލާއިރު ރަޝިޔާއާއި ޗައިނާ ފަދަ ގައުމުތަކުން ވީޓޯ ކުރާނެތީ މިއެއްބަސްވުން އުވާލުމުގެ ގަރާރެއް ވެސް ސަލާމަތީ މަޖިލީހުން ފާސްކުރުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއްނޫނެވެ. އެހެންކަމުން މިއެއްބަސްވުމުން އެމެރިކާއަށް ވަކިވެވޭނީ އެމެރިކާ، އދ. މަޖިލީހުން ވަކިވެގެންނެވެ.

މިއެއްބަސްވުން އެމެރިކާގެ ސައިޑުން އުވާލިނަމަވެސް، ޔޫރަޕްގެ ބާރުތަކާއި ރަޝިޔާއާއި ޗައިނާއާ ވަކިން އީރާނާ ދެކޮޅަށް އަސްކަރީ ގޮތުން ވެސް އަދި އިގްތިސާދީ ގޮތުންވެސް އެމެރިކާއަށް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެ އެވެ. ސަބަބަކީ އެމެރިކާއަކީ އެމެރިކާ އެކަނި އީރާނާ އަސްކަރީ ގޮތުން ކުރިމަތިލެވޭވަރުގެ ބާރަކަށް މިހާރު ނުވުމާއި ބޮޑެތި ބާރުތަކެއް ގުޅިގެން އެކުލަވާލެވޭ އެލަޔަންސަކުން ނޫނީ ކުރިމަތިނުލެވޭނެ ވަރަށް އީރާން ބާރުގަދަ ވެފައި ބޮޑުގައުމަކަށް އީރާން ވުމެވެ. އެމެރިކާއަކީ އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތް ވެސް ބަލިނުކުރެވިގެން އުޅޭ ގައުމެކެވެ. އައިއެސް ޖަމާއަތާ ދެކޮޅަށް ވެސް ހަނގުރާމަ ކުރަނީ އެތައް ގައުމެއް ގުޅިގެންނެވެ.

ހަމަމިގޮތަށް އެމެރިކާ އެކަނި އީރާނާދެކޮޅަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅައިގެން ވެސް އެކަމުގެ މާބޮޑު އަސަރެއް އީރާނަކަށް ނުކުރާނެ އެވެ. ސަބަބަކީ އެމެރިކާ މިހާރު އިގްތިސާދީ ގޮތުން ދުނިޔޭގެ ދެވަނަ ބާރުގެ ފެންވަރަށް ވެއްޓިފައިވުމާއި އިގްތިސާދީ އެއްވަނަ ބާރަކީ ޗައިނާ ކަމަށް ވުމެވެ.

އަނެއްކޮޅުން ޔޫރަޕްގެ ގައުމުތަކަކީ ޓްރަމްޕަށް މަރްޙަބާ ވެސް ކިޔާފައިވާ ގައުމުތަކަކަށް ނުވެފައި ޓްރަމްޕަކީ ހަމަނު ޖެހޭ ސޭކެއް ފަދަ ބޭފުޅެއް ކަމަށް ޔޫރަޕްގެ ލީޑަރުން ދެކެވަޑައިގަންނަވަ އެވެ. ޓްރަމްޕާއި ޔޫރަޕްގެ ލީޑަރުންނާ ދެމެދު މިހާ ދުރުކަމެއް އުޅޭއިރު އެއްވެސް ސަބަބަކާނުލައި އީރާނާ ދިމާކުރުމަށް ޔޫރަޕްގެ އެއްބާރުލުން ހޯދުމަކީ ޓްރަމްޕްގެ ސަރުކާރަކަށް ކުރެވޭވަރުގެ ކަމަކަށް ނުވާނެ އެވެ.

އަދި އީރާނުގެ ލީޑާޝިޕަކީ ވަރަށް ހުޝިޔާރު ލީޑަރު ޝިޕަކަށްވެފައި އީރާނުން އިގްތިސާދީ ފައިދާތައް ނެގުމަށް ޔޫރަޕްގެ ގައުމުތައް ކެތްމަދުވެފައިވާ އިރު މިފަދަ ޙާލަތެއްގައި އެެހެން ގައުމުތަކާ ވަކިވެ ގަނެގެން އެމެރިކާ ވާނީ ދުނިޔޭގައި އިތުރަށް އެކަހެރި އެވެ. އީރާނުން ޔޫރަޕާއި ރަޝިޔާއާއި ޗައިނާއާ އެކު މަލްޓި ބިލިޔަން ޑޮލަރުގެ ވިޔަފާރީގެ ބޮޑެތި މުއާމަލާތައް ހިންގާއިރު އެކަހެރިވެ ގަނެގެން އިގްތިސާދީ ގޮތުން ވެސް އެމެރިކާއަށް ވާނީ ހުސް ގެއްލުމެވެ.

ދުނިޔެ މިހާރު މިދަނީ ވަރަށްބޮޑަށް ބަދަލުވަމުންނެވެ. ނަވާރަސަތޭކަ ނުވަދިހަގެ އަހަރުތަކުގައި ދުނިޔޭގައި އެމެރިކާގެ ނުފޫޒާއި ބާރު އޮތް މިންވަރުގެ ދެބައިކުޅަ އެއްބައި ވެސް މިއަދަކު ނެތެވެ. އަނެއްކޮޅުން ރަޝިޔާ އާއި ޗައިނާ ގެންދަނީ ސަލާމަތީ މަޖިލީހުގައި ވެސް އަދި ބައިނަލްއަގްވާމީ އެހެން މަހްފަލްތަކުގައި ވެސް ފާޅުގައި އެމެރިކާއަށް ގޮންޖަހަމުންނެވެ. އަދި އެމެރިކާ ހަނގުރާމަތަކަށް ވަނުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާ ދަނީ އިގްތިސާދީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވަމުންނެވެ.

ޓްރަމްޕަށް ތާއީދުކުރާމީހުން އޭނާ ވެރިކަމަށް ގެނައީ ވެސް އެމެރިކާގެ އެތެރެ ބަލިކަށިވަމުންދާތީ އެމެރިކާގެ އެތެރެ ވަރުގަދަ ކުރުމަށެވެ. އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ އިންފްރާސްޓްރަލްޗާއަކީ 1960ގެ ޒަމާނުގެ އިންފްރާސްޓްރަކްޗާ އެވެ. އެހެންކަމުން އެމެރިކާގެ ރައްޔިތުން ބޭނުން ވަނީ ބޭރުގެ ކަންކަމުގެ ތެރެއަށް އެމެރިކާ ނުވަދެ އެމެރިކާގެ އެތެރެއަށް ސަމާލުކަންދީ އެމެރިކާގެ ބަލިކަށިވަމުންދާ އިގްތިސާދު އަލުން ނަގައި ކޮޅަށް ޖެހުމަށެވެ. އީރާންފަދަ ގައުމުތަކާ ދިމާކޮށްގެން މިކަން އެމެރިކާއަކަށް ހާސިލެއް ނުކުރެވޭނެ އެވެ. މީގެބަދަލުގައި އެމެރިކާ ވާނީ އިތުރަށް ނިކަމެއްޗެވެ.