19 Nov 2016, 09:43
ވޮޝިންޓަން(ނޮވެމްބަރު 19): އެމެރިކާގެ ރައީސްކަމަށް އިންތިހާބުވި ޑޮނަލްޑް ޓްރަމްޕްގެ 'ޓްރަމްޕް ޔުނިވާސިޓީ'އާ ބެހޭ ތިން ހިޔާނާތުގެ މައްސަލައެއްގައި 25 މިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް ނިއުޔޯކްގެ އެޓާނީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ޔުނިވާސިޓީގެ ކުރީގެ ދަރިވަރުންތަކެއް އެ ޔުނިވާސިޓީއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަތަކުގައިވާ ގޮތުން ޓްރަމްޕް ޔުނިވާސިޓީން ވަނީ އެއީ އެކްރެޑިޓް ކޮށްފައިވާ ސްކޫލެއް ކަމަށް ހީވާ ގޮތަށް ސެމިނާތަކާއި ކްލާސްތައް ބާއްވައި، ކަސްޓަމަރުންނަށް އޮޅުވާލައިގެން އެމީހުން އަތުން 35،000 ޑޮލަރު އަތުލާފައެވެ.
އެމައްސަލަތަކުގައި އެއްބަސްވުމަކަށް އައުމަށް މީގެ ކުރިން ދެކޮޅުހެއްދެވި ޓްރަމްޕް އޭނާގެ ހިޔާލު ބަދަލު ކުރެއްވުން ވެގެން ދިޔައީ އެމައްސަލައިގައި ގެއްލުން ލިބުނު ފަރާތްތަކަށް ލިބުނު ކާމިޔާބީއެއް ކަމަށް އެޓާނީ ޖެނެރަލް އެރިކް ޝްނައިޑާމޭން ވިދާޅުވި އެވެ.
ޓްރަމްޕް ޔުނިވާސިޓީން ވަނީ ޓްރަމްޕް އަމިއްލައަށް ހިޔާރު ކުރެއްވި ޓީޗަރުންގެ ފަރާތުން ރިއަލް ސްޓޭޓުގެ "ސިއްރުތައް" ދަރިވަރުންނަށް ދަސްކޮށްދޭނެ ކަމަށް ބުނެ އޮޅުވާލާފައި ކަމަށް ޝްނައިޑާމޭން ވިދާޅުވި އެވެ. އަދި އެ "ސްކީމު"ގެ ދަށުން ޓްރަމްޕަށް ފަސް މިލިއަން ޑޮަލަރު ލިބުނު ކަމަށްވެސް ޝްނައިޑާމޭން ވިދާޅުވި އެވެ.
އެ ތިން މައްސަލައިގައި އެއްބަސްވުމަކަށް އައިސްފައި ވަނީ އޭގެ ތެރެއިން އެއް މައްސަލައިގެ ޝަރީއަތް މިމަހުގެ 28ށް ތާވަލުކޮށްފައި ވަނިކޮށެވެ. އަދި އަންނަ ޖެނުއަރީ މަހު ޓްރަމްޕް ވެރިކަމުގެ ހުވާ ކުރެއްވުމުން އެ ޝަރީއަތް ބޭއްވުމަށް ޓްރަމްޕްގެ ވަކީލު އެދިފައި ވަނިކޮށެވެ. (ބީބީސީ)