19 Nov 2016, 09:19
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކަކީ ޖޯޝާއި ފޯރީގައި ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. އޭނާއަކީ ޅެން ބައިތުތަކާއި ހަރުބަހާއި އަދަބީ ބަސްތަކުން ފާޑު ވިދާޅުވާން އެނގޭ ބޭފުޅެކެވެ. ބަރުލަމާނީ ތަޅުމުގައި (މަޖިލީހުގައި) މިހާރު ހުރި އެންމެ ދޫހެލޭ މެމްބަރަކީ ނިހާނެވެ. ނަމަވެސް އޭނާގެ ފަރާތުން ތަފާތު މަންޒަރެއް މިހާރު ފެންނަމުން އެބަދެ އެވެ. އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށް ބެލެވެ އެވެ.
އޭނާގެ ބަހުރުވަ އާއި މިޒާޖަށް ބަދަލުތަކެއް އަންނަ ކަމަށް ފާހަގަ ކުރެވެ އެވެ. އެކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާ ކުރުމަށް ނެގި ކޮމެޓީގަ އެވެ. އެ ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވި އަދި ކޮމެޓީގެ މުގައްރިރުކަން ވެސް ކުރެއްވި ނިހާންގެ ވާހަކަފުޅު ދެއްކެވުމުގައި ހަރުކަށިކަން ފެނިގެން ދިޔަ އެވެ.
ހަރުކަށި ކަމާއި ރުޅި އިސްކުރުމުގެ ރާގަކުން ވާހަކަފުޅު ދައްކަވައި އަމިއްލަ ޕާޓީގެ މެމްބަރުންނާ ދިމާލަށް ވެސް ނިހާން ކުރީ ދުވަހު ވަނީ ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ.
ބަޖެޓް ކޮމެޓީ ނިންމަވާލެއްވުމަށް ފަހު "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ ބަޖެޓުގެ މަސައްކަތަކީ ސިޔާސީ ތަފާތު މަސައްކަތެއް ކަމަށެވެ. މަޖިލީހުގެ އެހެން ކޮމެޓީތަކުގެ ރިޔާސަތު ބަލަހައްޓަން ޖެހޭ ގޮތާއި ބަޖެޓް ކޮމެޓީ ކޮންޓްރޯލް ކުރަން ޖެހޭ ގޮތް ނިހާން ކިޔައިދެއްވި އެވެ.

ސިނގިރޭޓް ބުއިން ހުއްޓާލުމާ އެކު ނިހާންގެ ހަށިގަނޑަށް ދަނީ ބަދަލުތަކެއް އަންނަމުން. ފޮޓޯތަކުން އެ ފެންނަނީ ނިހާން ކުރިން ހުރި ގޮތް. އަދި މިހާރު ހުރި ގޮތް ފެންނަ ފޮޓޯއެއް މެދުގައި-- ސަން ފޮޓޯ
މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާންގެ ވާހަކަތަކުން އެނގުނު ގޮތުގައި ބަޖެޓުގައި ޖަހާފައިވާ މާލީ ހިސާބުތައް ބައެއް މެމްބަރުންނަށް ރަނގަޅަށް ވިސްނައިދޭން ޖެހެ އެވެ. އެ ސަބަބަށް ޓަކައި ގިނައިރު ވާހަކަ ދައްކަން މަޖުބޫރުވެ އެވެ. އެއް ވާހަކައެއް ތަކުރާރުކޮށް ކިޔައިދެއްވަން ޖެހެނީ ދަރިވަރުންނަށް ފިލާވަޅެއް ނަގައިދޭން ޖެހޭ ގޮތަށެވެ. ބައެއް މެމްބަރުންނަށް ވިސްނެނީ އެ ވަރުކޮށްގެންނެވެ.
ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރަކު ވިދާޅުވީ ނިހާން ވާހަކަ ދެއްކުމުގެ ރާގަށް ބަދަކުތަކެއް އަންނަ ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އެކަން އެގޮތަށް ދިމާވާ ސަބަބުން އެ މެމްބަރު ކިޔައިދެއްވި އެވެ.
"ފެށުނީސްސުރެ ނިހާން އެދަނީ ޕީޕީއެމްގައި މަސައްކަތް ކުރަމުން. ހުރިހާ މަޝްވަރާއެއްގެ ނިމުން މަޖިލީހުން ތަންޒީރު ކުރަން ހުންނަނީ ނިހާން. އަދި އާންމުންނާ ގާތުން ނިހާން މަސައްކަތް ކުރާތީ، އެންމެންގެ ކަންބޮޑުވުން ހިއްސާ ކުރާނީ އޭނާ އަށް. އެހެންވީމާ ކިހާ ޕްރެޝަރެއް ބޮޑުވާނެ،" ރާއްޖޭގެ ދެކުނަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ މަޖިލިސް މެމްބަރަކު ވިދާޅުވި އެވެ.
ނިހާންގެ ރުޅި ގަދަވުމާއި ޕްރެޝަރަށް ދިއުމުގެ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. ދުންފަތުގެ އިސްތިއުމާލު ކުރެއްވުމުގައި ދިގު މުއްދަތެއް ހޭދަ ކުރެއްވުމަށް ފަހު އެ އަމަލާ އޭނާ ވަނީ ދުރުވެފަ އެވެ. ދުންފަތުގެ ވަސް ޖެހުނަށް މިހާރު އޭނާ އަށް އުނދަގޫވެ އެވެ.
"...އެއީ އަނެއް މައްސަލަ. ސިނގިރެޓެއް ބޯލަން ކުޑަދޮށަށް [މަޖިލިސް ކުޑަދޮށަށް] ނުދަން. ކޮމެޓީގެ މަސައްކަތުގައި ހުސް ވަގުތު ކޮޅެއް ލިބުނަސް، ބައެއް މެމްބަރުން ވިދާޅުވާނެ ހިނގާބަލާށޭ [ސިނގިރެޓެއް] ބޯލަން ދާން. އެކަމަކު އަޅުގަނޑެއް ނުދަން،" ނިހާން ވިދާޅުވި އެވެ.
ސިނގިރެޓަށް ދެވި ހިފާފައިވާ މީހުން އެ އަމަލާ ދުރުވުމަކީ އުނދަގޫ ކަމެކެވެ. ސިނގިރޭޓް ނޮބޮވޭ ނަމަ އުނދަގޫތަކެއް އިހްސާސް ކުރެވޭނެ އެވެ. ހިތަށް އަރާނީ ސިނގިރެޓެއް ބޮއިލައިގެން ހިތްހަމަޖެހުން ހޯދޭނެ ކަމަށެވެ.
ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ނިހާން ހުއްޓާލެއްވީ ހަމައެކަނި ނަމަކަށް ނޫނެވެ. އަޒުމަކާ އެކު އޭނާ މިހާރު ނިންމައިގެން ހުރީ އެ އަމަލާ އެއްކޮށް ދުރުވުމަށެވެ. ސިނގިރޭޓް ބުއިން ހުއްޓާލިތާ މިހާރު 11 މަސް ވެއްޖެ އެވެ.
ދުންފަތާ ދުރަށް ނިހާން ވަޑައިގެންނެވީ ނޭވާލުމަށް ކުރިމަތިވި އުނދަގޫތަކާ ހުރެ، އޭޑީކޭގެ އައިސީޔޫ އިން ފަރުވާ ހޯއްދަވަން ޖެހިވަޑައިގެންނެވި ހިސާބުންނެވެ. މިއަހަރުގެ ޖެނުއަރީ މަހު އެ ފަރުވާ އަށް މަސް ދުވަސް އޭނާ ހޭދަ ކުރެއްވި އެވެ. ޗެންނާއީ އެޕޯލޯ ހޮސްޕިޓަލުން ވެސް ނިހާން ފަރުވާ ހޯއްދެވި އެވެ.
ދުންފަތާ ދުރަށް ނިހާން ވަޑައިގެންނެވި ހިސާބުން އޭނާގެ ހަށިގަނޑަށް ދަނީ ބަދަލުތަކެއް އަންނަމުންނެވެ. ހިކިކޮށް، ހުރި މީހާ މިހާރު ދަނީ މަޑުމަޑުން ފަލަވަމުންނެވެ. އެ ބަދަލު އަންނަމުންދާކަން އޭނާގެ މޫނު މަތިން ފެންނާނެ އެވެ. އޭނާއާ އެކުގައި އުޅުއްވާ މަޖިލިސް މެމްބަރުން ވެސް އެކަން ފާހަގަ ކުރެ އެވެ.
ދުންފަތާ ދެކޮޅަށް ނިހާން އެ ދަނީ ހަނގުރާމަ ކުރަމުންނެވެ؛ އޭނާ އުޅުއްވަނީ ވިތުޑްރޯވަލް ސްޓޭޖުގަ އެވެ. ޕާޓީ ތެރޭގައި އޮތް ކޯޅުމުގައި އޭނާގެ ސިކުނޑި ކޮންމެ ދުވަހަކު އެ ދަނީ "ގާނަމުން"ނެވެ. ނިހާންގެ ބަހުރުވައިންނަމަ އޭނާގެ "ޒައީމް މައުމޫނަށް" ފާޑުވިދާޅުވާން ޖެހުމުން، ކުރާ ފުރައްސާރައާ ވެސް އެ ދަނީ ކުރިމަތިލަމުންނެވެ. ރައްޔިތުންނާއި މަޖިލިސް މެމްބަރުންގެ ޝަކުވާތަކަށް އިޖާބަ ދެއްވައި، ސަރުކާރު ތެރެއިން އެކަމެއް ކުރުމަށް ނިހާން މަސައްކަތްޕުޅު ކުރައްވަނީ އަވަދިނެތި އެވެ. މި ހުރިހާ ކަމެއް ފުނިވެ، ސިކުނޑިއަށް ބާރުބޮޑުވުމުން ރުޅިގަދަވެ، ޕްރެޝަރަށް ދިއުމަކީ މައްސަލައެއް ނޫނެވެ. ކާމިޔާބީއަށް ވާސިލުވެވޭނީ "އަޑި ގުޑަން" ތަކުން އަރައިގަނެގެންނެވެ.