19 Nov 2016, 08:53
ރަންބީރު ކަޕޫރާއި އައިޝްވާރިއާ ބަޗަން އަދި އަނުޝްކާ ޝަރުމާ މުހިންމު ރޯލުތަކުން ފެނިގެންދާ "އޭ ދިލް ހޭ މުޝްކިލް" ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށްވެއްޖެ އެވެ. އެ ފިލްމް މިހާތަނަށް ވަނީ 110 ކަރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައެވެ.
ބޮލީވުޑްގައި 100 ކަރޯޑަށްވުރެ މަތީ އާމްދަނީއެއް ފިލްމެއް ހޯދައިފިނަމަ އެ ބަލަނީ ސުޕަހިޓް ފިލްމެއްގެ ގޮތުގައެވެ.
ކަރަން ޖޯހަރުގެ މި ފިލްމް މި އަހަރުގެ އެންމެ މަގުބޫލް، ބޮލީވުޑް ފިލްމްތަކުގެ ލިސްޓުގައި މިހާރު ހިމެނިފައިވާއިރު އަކްޝޭ ކުމާރުގެ "ހައުސްފުލް 3" ރެކޯޑް "އޭ ދިލް ހޭ މުޝްކިލް"އިން ވަނީ މުގުރާލާފައެވެ. "ހައުސްފުލް 3"އަށް ބޮކްސް އޮފީހުގައި ހޯދިފައިވަނީ 109 ކަރޯޑް ރުޕީސް އެވެ.
"އޭ ދިލް ހޭ މުޝްކިލް" ކާމިޔާބު ފިލްމަކަށްވުމަކީ ރަންބީރު ކަޕޫރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވެގެން ދާނެ އެވެ. ރަންބީރުގެ މިފަހުން ނިކުމެފައިވާ ފިލްމުތަކަކީ އެހާ ކާމިޔާބު ފިލްމްތަކެއް ނޫނެވެ.
ފިލްމް ރިލީޒްކުރުމުގައި ވެސް ބޮޑު ގޮންޖެހުންތަކެއް މި ފިލްމަށް ކުރިމަތިވި އެވެ. އެއީ ފިލްމްގައި ޕާކިސްތާނުގެ އެކްޓަރެއް ކަމަށްވާ ފަވާދު ހާން ފެނިގެންދާތީ އެވެ. އިންޑިއާއިން ވަނީ ޕާކިސްތާނު އެކްޓަރުން ބޮލީވުޑްގައި މަސައްކަތްކުރުން މަނާކޮށްފައެވެ. ފިލްމް ރިލީޒްވެފައިވަނިކޮށް ކުއްލިގޮތަކަށް އިންޑިއާ ސަރުކާރުން 500 އަދި 1000 ރުޕީސްގެ ނޫޓް އުވާލުމަކީ ވެސް ފިލްމަށް އިތުރު ބޮޑެތި ކާމިޔާބީތައް ހޯދުމަށް ދިމާވެދާނެ ގޮންޖެހުމެއް ކަމަށް ޓްރޭޑް އެނަލިސްޓުން ދަނީ ބުނަމުންނެވެ.