ބޮޑު އުއްމީދަކާއެކު އަޖޭ ދޭވަގަން ރިލީޒްކުރި އޭނާގެ ފިލްމް "ޝިވާއޭ"އަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީތަކެއް ދަނީ ލިބެމުންނެވެ. އެ ފިލްމަށް ތިން ހަފުތާގެ ތެރޭގައި ވަނީ 98 ކަރޯޑް ރުޕީސް ލިބިފައެވެ.

"ޝިވާއޭ"އަށް ރަނގަޅު އާމްދަނީއެއް ލިބިފައިވާއިރު ފިލްމަށް ވެސް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. މި އެކްޝަން ޑްރާމާ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

ފިލްމުން ފެނިގެންދާ ބައްޕަ އާއި ދަރިފުޅުގެ ގުޅުމާއި އެކްޝަން މަންޒަރުތަކާއި ވިޝުއަލް އިފެކްޓްސްތައް ވަރަށް ކަމުދާ ކަމަށް ފިލްމަށް ފާޑުކިޔާ ފަރާތްތަކުން ވެސް ވަނީ ބުނެފައެވެ.

"ޝިވާއޭ" ރިލީޒްވެފައިވަނީ މަޝްހޫރު ބޮޑެތި ތަރިންތަކެއް ފެނިގެންދާ "އޭ ދިލް ހޭ މުޝްކިލް" އާއެކު އެވެ. އެހެން ނަމަވެސް އޭގެ ސަބަބުން "ޝިވާއޭ"ގެ އާމްދަނީއަށް ބުރުލެއް ނާރައެވެ. އެ ދެ ފިލްމް ވެސް ވެގެން ގޮސްފައިވަނީ ހިޓް ދެ ފިލްމަށެވެ. "އޭ ދިލް ހޭ މުޝްކިލް" ވަނީ ތިން ހަފުތާއިން 110 ކަރޯޑް ރުޕީސް ހޯދާފައެވެ.

މަޝްހޫރު ތަރިއަކަށް އަޖޭ އެކަނި ފެނިގެންދާ "ޝިވާއޭ"އަށް ވެސް އިންޑިއާގައި މިހާރު ދިމާވެފައިވާ ފައިސާގެ މައްސަލައިގެ ސަބަބުން އަސަރުކުރާނެ ކަމަށް ބެލެވެ އެވެ. އިންޑިއާގައި ކުއްލި ގޮތަކަށް 500 އަދި 1000 ރުޕީސްގެ ނޫޓުތައް އުވާލުމާ ގުޅިގެން ގިނަ ބަޔަކަށް ދަތިތަކާ އަންނަނީ ކުރިމަތިވަމުންނެވެ.