19 Nov 2016, 08:44
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގައުމީ 10 ބޯލް ބިލިއާޑް މުބާރާތް ފަށައިފި އެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ފެށުނު ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގައި ރޭ ވަނީ މެޗުތަކެއް ކުޅެފައެވެ.
އެ މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށް ބަލައިލާ އިރު، ޝަބީބް އާތިފް އަތުން ޔޫސުފް ޒުބައިރު މޮޅުވެފައި ވަނީ 7-4 ފްރޭމުންނެވެ. ރިއްފަތު މުމްތާޒް އަތުން 4-7 ފްރޭމުން އިސްމާއިލް ރިޒާ މޮޅުވި އިރު، އިބްރާހިމް ރަޝީދު އަތުން ސޮއްފާން ޝާކިރު މޮޅުވީ 7-1 ފްރޭމުންނެވެ. ރިޝްވާން ޖަލީލްއާ ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކަމާއެކު އިބްރާހިމް ހަނީފް މޮޅުވެފައި ވަނީ 7-0 ފްރޭމުންނެވެ.
ޝާލިމް އާދަމް އަތުން ފަސޭހަކަމާއެކު 7-0 ފްރޭމުން އަހްމަދު ނާސިފް މޮޅުވެފައިވާ އިރު، މުހައްމަދު ފަރީމް އަތުން އަހްމަދު ޝަރީފް ހުސައިން މޮޅުވީ 5-7 ފްރޭމުންނެވެ. ހުސައިން ފަޔާޒް އަތުން 7-6 ފްރޭމުން ހަސަން ޝަފްރާޒް މޮޅުވި އިރު، އަހްމަދު މާދިހު އަތުން ރާއިފް ރަޝީދު މޮޅުވީ 7-4 ފްރޭމުންނެވެ.
ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ އެ މުބާރާތުގައި ވާދަކުރާނީ ކޮލިފިކޭޝަން ބުރުގައި ވާދަކޮށް، މުބާރާތުން ޖާގަ ހޯދި 32 ކުޅުންތެރިންނާއި އެމްޕީބީއޭ ރޭންކިންގެ އެންމެ ކުރީގައި އޮތް 32 ކުޅުންތެރިންނެވެ. އެހެންކަމުން ޖުމްލަ 64 ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެ އެވެ.
އިއްޔެ އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފައިނަލް މެޗު ފިޔަވައި ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ ރޭސްޓު 7 އަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރޭސްޓު 9 އަށެވެ.