ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހީމް އާއި އެއްވެސް ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( މެމްބަރުކަމަށް ޝައުގުވެރިވެ ވަޑައިގެން އިދިކޮޅު ޑީއާރުޕީ/ޕީއޭ ކޯލިޝަނަށް ހުށަހަޅުއްވައިފި އެވެ.

ޕީއޭގެ ނައިބު ލީޑާ އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، ޖޭއެސްސީގެ ހުސްވެފައިވާ ގޮނޑިއަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ގާސިމާއި ރިޒާ ވިދާޅުވެފައިވާ ކަމަށާއި އެ ދެ ބޭފުޅުންގެ ތެރެއިން ޑީއާރްޕީ/ޕީއޭ ކޯލިޝަނުން ވޯޓު ދެއްވާނެ ވަކި ބޭފުޅެއް އަދި ކަނޑައަޅުއްވާފައި ނުވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ވޯޓު ދޭނެ ވަކި ބޭފުޅަކު ކަނޑައަޅުއްވާނީ ޑީއާރްޕީ/ޕީއޭ ކޯލިޝަނުގެ ބައްދަލުވުމަކުން ކަމަށެވެ.

"ކުރިން އަޅުގަނޑުމެން ވިސްނިން މިނިވަން މެމްބަރަކު އައްޔަންކުރުމަށް. އެހެންނަމަވެސް، ހުރިހާ ބޭފުޅުން މެދުގައި މަޝްވަރާކޮށްފައި ވަކި ބޭފުޅަކު ނިންމަވާނީ،" ނާޒިމް ވިދާޅުވި އެވެ.

ގާސިމާއި ރިޒާ ޖޭއެސްސީގެ މެމްބަރުކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، އެ މަގާމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ފަރާތުން ނެރެނީ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އެވެ. އެމްޑީޕީގެ އެ ނިންމުމާ ގުޅިގެން މާރިޔާ ވަނީ ޕާޓީގެ ޗެއާޕާސަން ކަމުން މިއަދު އިސްތިއުފާދެއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް ކުރިން އައްޔަންކޮށްފައި ހުންނެވި މެމްބަރު، އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ އެ މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން ހުސްވެފައިވާ އެ މަގާމަށް އާ މެމްބަރަކު އައްޔަންކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް ވަނީ އެޖަންޑާކޮށްފަ އެވެ.

ޑރ. އަފްޝީމް ޖޭއެސްސީން ވަކިކުރަން ފެނޭތޯ ބެލުމަށް އިއްޔެ ނެގި ވޯޓުގައި، ހާޒިރުވެ ތިއްބެވި 74 މެމްބަރުންގެ ތެރެއިން އެ ކަމަށް ތާއީދުކުރެއްވީ 38 މެމްބަރުންނެވެ. ވަކިކުރަން ނުފެންނަ ކަމަށް 34 މެމްބަރުން ވޯޓު ދެއްވި އެވެ.