19 Nov 2016, 00:51
އައްޑޫ ސިޓީގެ ފޭދޫގެ މައްޗަށް 2-0ގެ ނަތީޖާ އަކުން ކުރި ހޯދައި ޕްރެޒިޑެންޓް ކަޕް ސެމީ ފައިނަލްގެ ގްރޫޕް ދޭއްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދިއުމުގެ އުންމީދު ޔުނައިޓެޑް ވިކްޓަރީއިން ބޮޑުކޮށްފިއެވެ.
ފެދޫ ކުޅުނު ދެވަނަ މެޗުން ބަލިވުމުން އެ ޓީމަށް ވަނީ މުބާރާތް ނިމިފައެވެ. ޔޫވީގެ އިތުރުން ދެން އެ ގްރޫޕްއިން ސެމީ ފައިނަލްގެ ޖާގަ އެއް ކަށަވަރުވެފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށެވެ. އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރު ކުރާނީ އަންނަ ހޯމަ ދުވަހުގެ ރޭ މާޒިޔާ އާއި ޔޫވީ ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ފޭދޫ ޓީމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަމަވެސް ފޭދޫގެ އިބްރާހިމް މަހްދީ އާއި ބިދޭސީ މިޑްފީލްޑަރު ނެލަސަންއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ޕްރެޒިޑެންޓް ކަޕްގައި މިރޭ ޔޫވީ އާއި ފޭދޫ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: މުހައްމަދު އަފްރާހު
ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފްގައި ޔޫވީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމަށް ލީޑް ލިބިގެންދިޔައީ މެޗުގެ 67 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއެއް ރަފޭލް ބެޓިމް މާޓް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޔޫވީއަށް ޕެނަލްޓީ ލިބުނީ ފޭދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމްގެ ކީޕަރު ކެރިކްއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
ޔޫވޫއަށް ލީޑް ފުޅާކޮށްދިން ގޯލު 75 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުއިން އަލީ ހައިޝަމްއެވެ. އޭނާ އެގޯލު ކާމިޔާބްކުރީ ކެރިކް ނަގައިދިން ހުރަހެއް ފޭދޫ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެ ފޮނުވާލައިގެންނެވެ.
ހައިޝަމްގެ އެ ގޯލުގެ ކުރިން އޭނާ ފޮނުވާލި ބޯޅައެއް ވަނީ ފޭދޫގެ ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވެފައެވެ.