ކުދި ޖަޒީރާ ގައުމުތަކުގައި ރިނިއުބަލް އެނާޖީ ނުވަތަ އިޔާދަކުރުވަނިވި ހަކަތަ އާއި އޭގެ ޔަގީންކަން އިތުރުކުރުމަށްޓަކައި، ދިވެހިރާއްޖެއިން އިސްނަގައިގެން ބައިނަލްއަގުވާމީ ހަރަކާތެއް އިއުލާން ކޮށްފިއެވެ.

މޮރޮކޯގެ މަރާކެޝްގައި މިހާރު ކުރިޔަށްދާ ޔޫއެންއެފްސީސީސީގެ ކޮންފެރެންސް އޮފް ދަ ޕާޓީސްގެ 22 ވަނަ ބައްދަލުވުން (ކޮޕް22)ގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ އިސްނެގުމުގެ ދަށުން ރިނިއުބަލް އެނާޖީގެ ޔަގީންކަން އިތުރުކުރާ ހަރަކާތް އިއުލާން ކުރެއްވީ އެންވާރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

އެއޯސިސްގެ ޗެއާގެ ހައިސިއްޔަތުން ރާއްޖެއިން އިއުލާންކުރި "އިނިޝިއޭޓިވް ފޯ ރިނިއުބަލް އައިލެންޑް އެނާޖީ" ނުވަތަ "އައިރީ" ހަރަކާތުގެ މައިގަނޑު ބޭނުމަކީ ކުދި ޖަޒީރާ ގައުމުތަކުގައި ރިނިއުބަލް އެނާޖީ އިތުރުކުރުމާއި، އެކަމަށް ބޭނުންވާ ފައިސާއާއި އިންސާނީ ވަސީލަތްތައް ހޯދުމާއި ތަރައްގީ ކުރުމުގެ އިތުރުން، އެކަމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލުމެވެ. އަދި ކުދި ގައުމުތަކުގައި ހަކަތަ އިގްތިސާދުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސިޔާސީ ބައިވެރިވުން ހޯދުން ވެސް މި ހަރަކާތުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެންވާރަމެންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ މި ހަރަކާތް ހިންގާނީ އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ)ގެ ބައިވެރިވުން ވެސް ލިބިގެން ކަމަށެވެ.

"އައިރީ" ހަރަކާތުގެ ދަށުން ކުރާނެ ކަންކަން ރޭވުމަށާއި ހިންގުމަށް، އެކި ފެންވަރުގެ ބައްދަލުވުންތައް އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މަޝްރޫޢުތައް ހިންގަން ބޭނުންވާ މައުލޫމާތުތައް އެއްކުރުމާއި އެކަމަށް ހުރި ހުރަސްތައް ދެނެގަތުމުގެ މަސައްކަތްތައް އަންނަ އަހަރު ކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.