18 Nov 2016, 23:22
ދިރާގު ކަސްޓަމަރުންނަށް އައިފްލިކްސްގެ ހިދުމަތް ތައާރަފް ކޮށް، ފުރަތަމަ ތިން މަސް ދުވަސް ހިލޭ އައިފްލިކްސްގެ ލައިބްރަރީގައި ހިމެނޭ ހުރިހާ އެއްޗެއް ބަލާލުމުގެ ފުރުސަތު ދީފި އެވެ.
ދިރާގުގެ މައި އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފްކޮށް ދެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ހާޖްރީ އާއި އައިފްލިކްސްގެ ހެޑް އޮފް ނިއު މާކެޓްސް މާޓިން ޖޮހެންސަން އެވެ.
މެލޭޝިއާގެ ކުރިއަރަމުން އަންނަ މީޑިއާ ކޮންޓެންޓް ޕްލެޓްފޯމް ރާއްޖެއަށް ތައާރަފް ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިޒަބެލް ވިދާޅުވީ، ދިރާގުގެ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ލިބޭއިރު، އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިރާގުގެ ކަސްޓަމަރުންނަށް އެހިދުމަތް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައިވެސް ލިބިގެންދާނެ ކަމަށެެވެ.
އައިފްލިކްސް ފަދަ ހިދުމަތެއް ރާއްޖެ އަށް ތައާރަފް ކުރުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ޓެކްނޮލޮޖީއާއި ގުޅުންހުރި ދުނިޔޭގެ މަޝްހޫރު ހިދުމަތްތައް ބޭނުން ކުރުމުގެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުން ކަމަށެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އައިފްލިކްސްގެ މާޓިން ވިދާޅުވީ ދިވެހިންނަކީ ޓެކްނޮލޮޖީއަށް އަހުލުވެރި ބައެއްކަމަށާޢި އެ ހިދުމަތް ތައާރަފް ކުރަން އެންމެ އެކަށީގެންވާ ގައުމަކީ ރާއްޖެ ކަމަށެވެ. އަދި އެ ހިދުމަތް ދިނުމަށް ދިރާގު ހިޔާރު ކުރީ ދިރާގަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދޭ މުވާސަލާތީ ކުންފުނި ކަމަށްވާތީ ކަމަށެވެ.
އައިފްލިކްސްގެ ހިދުމަތް އައިފޯނާއި، އެންޑްރޮއިޑް އަދި ޑެސްކްޓޮޕް ފަދަ ޑިވައިސް ތަކުގައިވެސް ބޭނުން ކުރެވޭ އިރު، އެކިއެކި ޓީވީ ޝޯއާއި ސީރީސް އަދި ފިލްމު އޮންލައިންކޮށް ނުވަތަ ޑައުންލޯޑް ކޮށްލައިގެންވެސް ބަލައިލެވޭނެ އެވެ.
އައިފްލިކްސް އިން އަންނަނީ ރާއްޖޭގެ އިތުރުން ޕިލިޕިންސް، ތައިލެންޑް އަދި އިންޑޮނޭޝިއާގެ އިތުރުން ސްރީލަންކާއާއި ބުރުނާއީގައި އެ ހިދުމަތް ދެމުންނެވެ.