18 Nov 2016, 20:15
ވޯލްޑްކަޕް ކޮލިފައިންގައި މިދިޔަ ހަފްތާގެ ހުކުރު ދުވަހު ސްވިޑްން އަތުން 2-1ގެ ނަތީޖާ އަކުން ފްރާންސް މޮޅުވި މެޗުގައި އަނިޔާވި އެންޓޯނިއޯ ގްރިޒްމަން އަނިޔާއިން ސަލާމަތްވެ އެތުލެޓިކޯ މެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ފްރާންސްގެ އަމިއްލަ ދަނޑުގައި ކުޅުނު އެމެޗުގައި ސްވިޑަންއިން ގޯލެއް ޖަހައި ލީޑް ނަގާފައިވަނިކޮށް ފަހަތުން އަރައި ދެ ގޯލު ކާމިޔާބު ކުރި އިރު ފަހު ގޯލު ޖަހަން ޑިމެޓްރީ ޕަޔެޓަށް ބޯޅަ ތަނަވަސްކޮށްދިނީ ގްރިޒްމަންނެވެ. ނަމަވެސް މެޗުގެ 88 ވަނަ މިނެޓްގައި ވާއަތު ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ގްރިޒްމަން ވަނީ ބަދަލުކޮށްފައެވެ.
އަނިޔާއިން މުޅިން ސަލާމަތް ނުވުމުގެ ސަބަބުން ފްރާންސް އެންމެ ފަހުން މިދިޔަ ބުދަ ދުވަހުގެ ރޭ އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗުގައި ވެސް ގަރިޒްމަން ނުކުޅެއެވެ.
ނަމަވެސް މާދަމާ ރޭ ރެއާލް މެޑްރިޑްއާ ދެކޮޅަށް ނުކުތުމަށް ތައްޔާރުވަމުންދާ އެތުލެޓިކޯ ޓީމްގެ ފަރިތަކުރުން ތަކުގައި ގްރިޒްމަން ވަނީ ބައިވެރިވެފަ އެވެ. އަދި ރެއާލް މެޑްރިޑް ދެކޮޅަށް ނަގާ ފުރަތަމަ 11 ގައި މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގަރިޒްމަން ހިމެނުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ.
ގްރިޒްމަން ވަނީ އެތުލެޓިކޯއަށް ކުޅެދިން 54 މެޗުގައި 32 ގޯލު ކާމިޔާބްކޮށްދީ އެ ޓީމުން މިދިޔަ ސީޒަނުގައި ލީގްގެ ތިން ވަނާގައި އާއި ޗެމްޕިއަންސް ލީގްގެ ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މާދަމާ ރޭގެ މެޗަށް ނުކުންނައިރު އެތުލެޓިކޯއާ ހިލާފަށް އަނިޔާގެ ގިނަ މައްސަލަތަކެއް ރެއާލް މެޑްރިޑަށް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އަލްވާރޯ މޮރާޓޯ އާއި ޓޮނީ ކްރޫސްގެ އިތުރުން ކަސަމީރޯ ވެސް ހުރީ އަނިޔާގައެވެ. ކެޕަންޓަން ސާޖިއޯ ރާމޯސްގެ މުޅިން ފިޓްވެފައި ނުވާއިރު ކޯޗު ޒައިނުއްދީން ޒިދާންއަށް ލިބޭނެ އެންމެ ބޮޑު ހިތް ހަމަޖެހުމަކީ އަނިޔާއަށްފަހު ކަރިމް ބެންޒެމޭ ޓީމާއި ގުޅިފައިވުމެވެ.