14 Jun 2011, 17:28
ކުށުގެ ރެކޯޑު ސާފުކުރުމުގައި އަމަލު ކުރާނެ އުސޫލެއް ވަޒީރުންގެ މަޖިލީހުން މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ އުސޫލު ކަނޑައެޅުއްވީ، މިމަހުގެ ހަތް ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ހުށަހެޅި ކަރުދާހާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހު، މިމައްސަލަ އިތުރަށް ދިރާސާ ކުރުމަށް އެދުވަހުގެ ޖަލްސާއިން ނެގި ކެބިނެޓް ސަބް ކޮމިޓީން ހުށަހެޅި ހުށަހެޅުންތަކުގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އާބާދީގެ 43 އިންސައްތައަކީ ޒުވާނުން ކަމަށް ވީހިނދު، މަސައްކަތުގެ މާހައުލަށް ބަލާއިރު، ވަޒީފާ އަދާކުރުމަށް ބޭނުންވެގެން ކުރިމަތިލާ ޒުވާނުންނަށް އެކަށީގެންވާ ފުރުސަތުތަކެއް ލިބެންޖެހޭ ކަމާއި އަދި ކުށުގެ ރެކޯޑު އޮތުމުގެ ސަބަބުން ވަޒީފާ ނުލިބޭކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
"މިހާރު ކުށުގެ ރެކޯޑު ބަލަމުން ގެންދާ މިންގަނޑު އޮންނަ ގޮތުން، ކިތަންމެ ކުޑަ ކުށެއް ކުރެވިފައިވާ މީހެއް ކަމުގައިވިޔަސް، ފަސް އަހަރުގެ ރެކޯޑަކަށް ބަލާއިރު، ވަރަށްގިނަ ހުނަރުވެރި ގާބިލު ޒުވާނުންތަކެއް، މަސައްކަތުގެ މާހައުލުން ބޭރުވެ، ވަޒީފާއެއް ނުލިބި ތިބެންޖެހޭ ހާލަތްތައް ދިމާވާ ކަމަށްވެސް މެންބަރުން ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
އަދި އެއުސޫލަށް ބަދަލުތަކެއް ގެނެސްފިނަމަ ވަޒީފާގެ ބާޒާރަށް ނުކުންނާނޭ އިތުރު ހުނަރުވެރި ދިވެހިން ލިބުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވެސް މެމްބަރުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ކުށުގެ ރެކޯޑު ސާފުކުރެއްވުމުގައި ޢަމަލު ކުރާނެ އުސޫލާ ބެހޭ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން މިއަދު ހާމައެއް ނުކުރެ އެވެ. އެ އުސޫލު ސަރުކާރުން އިއުލާނު ކުރާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.