18 Nov 2016, 13:17
ޓޮޓެންހަމްގެ އެންމެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ ގޯލު ކީޕަރު އަދި ކެޕްޓަން ހޫގޯ ލޯރިސް އާއި ހުނަރުވެރި ޒުވާން ފޯވާޑް ހެރީ ކޭން އެޓީމްގައި ދިގު މުއްދަތަކަށް މަޑުކުރާނެ ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.
ޓޮޓެންހަމް އިން ވަނީ މިއަހަރުގެ ކުރީ ކޮޅު ކޭން އެ ޓީމްގައި 2020 ވަނަ އަހަރާ ހަމައަށް ބެހެއްޓުމަށް އެއްބަސްވުމަކަށް އައުމަށް މަސަތްކަތް ކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އޭނާއަށް ހަފްތާއަކު ފަންސާސް ހާސް ޕައުންޑްގެ އާމްދަނީއެއް ވެސް ދިނުމަށް ޓޮޓެންހަމް އިން ވަނީ އެއްބަސްވެފައެވެ.
ކޭން އާއި އެކު ދިގު މުއްދަތަކަށް އެއްބަސްވުމަކަށް އައި ނަމަވެސް އަދިވެސް ޓޮޓެންހަމް އިން އެންމެ ބޮޑު މުސާރައެއް ދޭ ކުޅުންތެރިއަކީ ފްރާންސްގެ ގައުމީ ޓީމްގެ ގޯލު ވެސް ބަލަހައްޓަމުންދާ ލޯރިސް އެވެ. އެއީ ހަފްތާއެކު 80 ހާސް ޕައުންޑްގެ އާމްދަނީ އެކެވެ. އެ ރިކޯޑް މުގާރާލަން ޓޮޓެންހަމް އިން އަދި ބޭނުން ނުވާކަމަށް ވެސް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.
"އެ ދެ ކުޅުންތެރިން ވެސް ޓީމުގައި ތިބީ ވަރަށް ހިތް ހަމަޖެހިގެން. ހަމަ އެފަދައިން، އެފަދަ މޮޅު ދެ ކުޅުންތެރިން ޓީމްގައި ތިބުމަކީ ވެސް އަހަރެމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޕޮޗެޓީނޯ ބުންޏެވެ.
ޓޮޓެންހަމާ ގުޅޭ ގޮތުން ވަރަށް ގިނަ ބޭކާރު ދޮގު ޚަބަރުތަށް ފެތުރެމުންދާ ކަމަށާއި ނަމަވެސް ސަޕޯޓަރުން އެއްވެސް ވަރަކަށް އެފަދަ ވާހަކަތަށް ގަބޫލު ނުކުރުމަށް ވެސް ޕޮޗެޓީނޯ ވަނީ ގޯވާލާފައެވެ.
"އަހަރެންނަށް ހީވަނީ ކުޅުންތެރިންނާ ގުޅޭ ގޮތުން ވަރަށް ގިނަ ނޭދެވޭ ވާހަކަތައް ދެކެވޭ ހެން. ނަމަވެސް ކުޅުންތެރިންގެ ފަރާތުން ޓީމު ބޭނުންވާ ފަދަ ކުޅުމެއް ފެންނަ ކަމުގައި ވަނީ ނަމަ އެ ވާހަކަ ތަކުގެ އެއްވެސް އަސްލެއް ނެތް،" ޕޮޗެޓީނޯ ބުންޏެވެ.