18 Nov 2016, 16:07
މާތް ﷲ މީސްތަކުންގެ މެދުގައި ރިޒްޤު ބައްސަވާފައި ވަނީ އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނޭފަދަ ގޮތަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ޚުތުބާ ބިނާވެފައި އޮތީ މާތް ﷲގެ މަގުުގައި މުދާ ހޭދަކުރުމާ ބެހޭ ގޮތުންނެވެ. އެ ޚުތުބާގައި މުދާވެރިކަން ލިބިފައި ނުވާ ފަގީރުންނާއި ބޭނުން ޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައި ދިނުމަށާއި، މުޖުތަމައަށް ފައިދާ ހުރި ކަންތައްތަކުގައި މާލީ ގޮތުން ބައިވެރިވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އެ ޚުތުބާގައި މުދަލުގެ ހަގީގީ މިލްކުވެރި ފަރާތަކީ މާތް ﷲ ކަމަށާއި، އެހެން ކަމުން އެކަލާނގެ އަންގަވާފައިވާ ގޮތުގެ މަތިން އެ މުދަލުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
ލިބިފައިވާ ތަނަވަސް ކަމުން މިސްކިތް ބިނާ ކުރުމާއި މިސްކިތްތަކަށް އެހީވުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ. އަދި މިސްކިތަކީ ބިންމަތީގައިވާ އެންމެ މުގައްދަސްތަން ކަމަށާއި، އެކަން ކަމަށް ހޭދަކުރުމުން ގިނަގުނަ ދަރުމަ އާއި ސަވާބު ލިބޭނެ ކަމެއް ކަމަށް ހުތުބާގައި ބުނެ އެވެ.
މުދަލާއި ތަނަވަސް ކަމަކީ މާތް ﷲ ދެއްވާފައިވާ އަމާނާތެއް ކަމަށާއި، އެތަނަވަސްކަން ތިމާގެ ކިބައިން ނެތިގެން ދިއުމުގެ ކުރިން ނުވަތަ ތިމާ އެ ތަނަވަސް ކަން ދޫކޮށް ދިއުމުގެ ކުރިން، އެ ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ހޭދަކުރުމަށްް މިއަދުގެ ޚުތުބާގައި ބުންޏެވެ.
މުދަލަކީ އެއްވެސް ހާލެއްގައި ރައްކާކޮށްގައި ބަހައްޓަންވީ އެއްޗެއް ނޫން ކަމަށާއި، މުދާވެރިކަމާއި ތަނަވަސްކަން ލިބިފައިވާ މީހުން ޒަކާތް ދެއްކުމާއެކު ﷲގެ މަގުގައި ހޭދަކުރުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފަ އެވެ. އަދި ޒަކާތް ދެއްކުމާމެދު ފަރުވާ ކުޑަނުކޮށް އެ ވާޖިބު ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ޚުތުބާގައި ހަނދާން ކޮށްދީފައިވެ އެވެ.
މުދާވެރިކަމާއި ތަނަވަސް ކަމަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ގިނަ ގުނަ ނިއުމަތްތަކުގެ ތެރެއިން މަތިވެރި ނިއުމަތަކަށްވުމުން، އެ ތަނަވަސްކަން އެކަލާނގެ އަންގަވާފައިވާ ގޮތަށް ހޭދަކުރުމަކީ ސުވަރުގެ ހާސިލް ކުރުމުގެ މަގު ކަމަށް ޚުތުބާގައި ބުނެ އެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ޚުތުބާ ދެއްވީ ދުނިޔޭގެ މަޝްހޫރު އިސްލާމީ އިލްމުވެރިއެއް ކަމަށްވާ އިސްމާއިލް މުފްތީ މެންކް އެވެ.