14 Jun 2011, 17:27
ވިހެއުމަށް ފަހު ޅަފަތުގައި ތުއްތު ކުދިންނަށް ފަރުވާދޭނެ ޚާއްސަ "ނިއުބޯން ކެއާ ޔުނިޓް"ތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެއް އަހަރުން ދަށުގެ ކުދިން މަރުވާ އަދަދު މަދުކުރުމަށް ސާކްގެ ފަރާތުން މި ސަރަހައްދު ހިމެނޭ ގައުމުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ރީޖަނަލް ޕްރޮޖެކްޓް އޮން ސްޓްރެންތެނިން މެޓާނަލް އެންޑް ޗައިލްޑް ހެލްތު އެންޑް އިމުނައިޒޭޝަން" ޕްރޮގްރާމްގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި "ނިއުބޯން ހެލްތު ކެއާ" ޔުނިޓްތައް ގާއިމު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި "ނިއުބޯން ހެލްތު ކެއާ" ޔުނިޓްގެ ސަބަބުން އެއް އަހަރުން ދަށުގެ ކުދިން މަރުވާ މިންވަރު ދަށް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލު ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫޢަށް ސާކް ޑިވެލޮޕްމަންޓް ފަންޑުން އެއްލައްކަ ޑޮލަރުގެ ހިލޭ އެހީ ވެދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ ޔުނިޓްތައް ގާއިމުކުރުމަށް ހޮސްޕިޓަލްތަކާ މަރުކަޒުތަކުގެ އިމާރާތައް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި ތަނަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމާއި އެތަންތަނުގައި މަސައްކަތް ކުރާނެ ޑޮކްޓަރުންނާ ނަރުހުންނަށް ބޭނުންވާ ޚާއްސަ ތަމްރީނު ދިނުމުގެ އިންތިޒާމް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް އިމާރާތްތަކުގެ ޢަމަލީ މަސައްކަތް ފަށާފައިވާ އިރު، މުޅި މަޝްރޫޢު އަށް ބޭނުންވާ އިކުއިޕްމަންޓްގެ ބައެއް މިހާރު ވަނީ ރާއްޖެ ގެނެސްފައި ކަމަށް ވެސް ހެލްތުން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން ހަތަރު ސަރަހައްދެއްގެ ރީޖަނަލް ހޮސްޕިޓަލުގައި ސްޕެޝަލް ނިއުބޯން ޔުނިޓްތަކެއް ގާއިމު ކޮށް، 10 އަތޮޅު ހޮސްޕިޓަލާއި ބޮޑެތި ސިއްހީ މަރުކަޒުތަކުގައި ސްޓެބިލައިޒޭޝަން ޔުނިޓް އަދި 114 ހެލްތު ސެންޓަރެއްގައި ނިއުބޯން ކޯނާތަކެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ސިއްހަތާ ބެހޭ ސިޔާސަތުގައި ނިސްބަތުން އެއް އަހަރުން ދަށުގެ ކުދިން މަރުވާ ޢަދަދު ބެހެއްޓުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި އަކީ ކޮންމެ ހާހަކުން 10 އަށް ވުރެ ދަށެވެ. މިއަދަދު މިހާރު ހުރީ 14ގައި ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެގައި ވެސް ޅަފަތުގައި މަރުވާ ކުދިންގެ ތެރޭގައި ހިމެނޭ 70 ޕަސެންޓް ކުދިންނަކީ އެއް މަހުން ދަށުގެ ކުދިންނެވެ. މިއަދަދު ދަށް ކުރުމުގެ ގޮތުން ޑަބްލިޔުއެޗްއޯ އާއި ޔުނިސެފްގެ އެހީތެރިކަމާ އެކު މިހާރު ކުރަމުންދަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަމާ ބެހޭ ޚާއްސަ ތަމްރީނުދިނުމާއި އަދި އާންމު ހޭލުންތެރި ކުރުވުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.