17 Nov 2016, 22:39
ކުރިޔަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ ވެސް އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ ، މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިރޭ ވިދާޅުވީ، ބައެއް ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެކަމަށް ބެލެވޭ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މެދު ރާއްޖެތެރެ ހިސާބަށް އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 35 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ތިން މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ އިރު، ދެކުނުގެ އަތޮޅުތަކަށް ފަސް މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.
ކަނޑުތައް ވެސް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަދަވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކަނޑު މަޑުވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މިއަދު އަދި މިރޭ ވެސް ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފަ އެވެ. އެގޮތުން މާލެއަށް ވެސް ގިނަ އިރުތަކަކަށް ބޯކޮށް ވާރޭ ވެހިފައިވާ އިރު، ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށް ދަތިވެފަ އެވެ.