އިންކަމް ޓެކްސް (މުއްސަނދިންގެ އަތުން ޓެކްސް) ނެގުމަށް އެމްޑީޕީ ޕާލެމްންޓްރީ ގްރޫޕުގެ މެމްބަރު އިވާ އަބްދުﷲ ހުށަހެޅުއްވުމުން، ސަރުކާރު ދެ މެމްބަރެއްގެ ތާއިދާއެކު އަންނަ އަހަރު އިންކަމް ޓެކްސް ނެގުމަށް ދައުލަތުގެ ބަޖެޓް ރިކޮމެންޑޭޝަންގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ 26.7 ބިލިއަން ރުފިޔާގެ ބަޖެޓް، ކޮމެޓީން ފާސްކޮށްފައި ވަނީ 10 ރިކޮމަންޑޭޝަނަކާއެކުގައެވެ.

އެގޮތުން ބަޖެޓް ރިކޮމަންޑޭޝަންގެ ގޮތުގައި އަންނަ އަހަރު އިންކަމް ޓެކްސް ނެގުމަށް އިވާ ހުށަހެޅުއްވުމުން، އެ ވަގުތު ކޮމެޓީގައި ތިއްބެވި އެމްޑީޕީގެ ހަތް މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ސަރުކާރަށް ތާއިދު ކުރައްވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު، އީވާގެ ހުށަހެޅުއްވުމަށް ވޯޓު ދެއްވި އެވެ. ކޮމެޓީގެ އަގުލަބިއްތަޔު އެ ހުށަހެޅުމަށް ލިބުމުން ބަޖެޓުގެ ރެކޮމަންޑޭޝަންގެ ތެރޭގައި އެ ހުށަހެޅުން ވަނީ ހިމަނާފައެވެ.

މުއްސަނދިންގެ އަތުން ޓެކްސް ނެގުމަށް އެމްޑީޕީ ސަރުކާރުގައި މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރަމުންދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ.

އޭރު މަޖިލީހަށް ހުށަހެޅި އިންކަމް ޓެކްސް ނެގުމުގެ ބިލުގައި ބުނެފައިވާ ގޮތުން މަހަކު 30،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކުހެއް ނަގަންޖެހޭނެ އެވެ.

ބަޖެޓް ކޮމެޓީގައި މެމްބަރުން ވޯޓު ދެއްވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ އަހަރުގެ ބަޖެޓް ރިކޮމަންޑޭޝަންތައް:

  • އާސަންދަ ފަދަ އިޖުތިމާއީ ހިދުމަތްތަކަށް ދަތިނުވާނެ ގޮތަށް ކަންކަން ރާވައި، ދައުލަތުން ހިންގުން.
  • އެއް މަސައްކަތެއް ކުރަމުންދާ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތައް އެއްކޮށްލުން (މީޑީއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުން).
  • ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ ގާނޫނުތަކާއި ޕީއެސްއައިޕީގެ މަޝްރޫއުތައް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށުން.
  • އިންކަމް ޓެކްސް އަންނަ އަހަރު ނަގަން ފެށުން.
  • ސަރުކާރު ކުންފުނިތަކާއި ދައުލަތުގެ އިސްވެރީންގެ މާލީ ބަޔާން ޖެހިގެން އަންނަ އަހަރުގެ މެއި މަހުގެ ކުރިން ހުށަހެޅުން.
  • މަޝްރޫތައް ހިންގާ ކުންފުނިތަކުން ނަގަންޖެހޭ ޓެކްސްތައް ނަގަމުންދޭތޯ ބެލުން.
  • އިޖުތިމާއީ ބޯހިޔާވަހިކަން ކަށަވަރު ކުރުމުގެ މަޝްރޫއު އަވަހަށް ނިންމުން.

ބަޖެޓް ކޮމެޓީގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ބަޖެޓް ރިކޮމެންޑޭޝަނަކީ ދައުލަތުން އަމަލު ކުރުން މަޖުބޫރު އެއްޗެއް ނޫނެވެ. ބަޖެޓް ރިކޮމެންޑޭޝަންގެ ގޮތުގައި މީގެ ކުރިން މަޖިލީހުން ހިމަނާފައިވާ ކަންތައްތަކަށް ސަރުކާރުން އަމަލުކޮށްފައެއް ނުވެ އެވެ. އެގޮތުން ސަރުކާރުން ރިސޯޓު ހަދަން ދޫކުރާ ރަށްތަކާއި އޭގެ ތަފްސީލުތައް ހިމެނުމަށް ބަޖެޓުގައި ހިމެނުމުން ސަރުކާރުން އެ ހުށަހެޅުންތަކަށް އަމަލެއް ނުކުރެ އެވެ.