ރާއްޖޭގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަން މައްސަލަ ކަމުގައިވާ، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު އަޅާތަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި ފިޔަވަޅު އެޅުމުގެ ބަދަލުގައި ފެންނަމުން ދަނީ އެކަމުގެ މައުލޫމާތު ހާމަކުރި ފަރާތްތަކާ މެދު އެހެން ގޮތަކަށް ކަންތައް ވަމުންދާތަން ކަމަށެވެ.

"ދިވެހި ތާރީޚު ނުދެކޭވަރުގެ ބޮޑު ކޮރަޕްޝަން މައްސަލައެއް ހިނގައިދިޔަ އިރުވެސް އެއާމެދު އެކަށީގެންވާ ފިޔަވަޅު އެޅުނުތަކެއް ނުފެނޭ. އެކަމުގެ މައުލޫމާތު ރައްޔިތުންގެ ހައްގުގައި ހާމަކުރި ފަރާތްތަކާ މެދު ވަރަށް އެހެން ގޮތަކަށް ކަންތައްތައް ވަމުންދާތަން މިފެންނަނީ. މިއީ ބިރުވެރި ކަންތައްތަކެއް،" ފާރިސް ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ދާދިފަހުން ވިދާޅުވެފައި ވަނީ ސަރުކާރުން މަޑުކޮށްގެން ތިބީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ތަހުގީގުކޮށް ރިޕޯޓު ނެރެންދެން ކަމަށެވެ. އެއަށްފަހު އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް އަނިލް ވިދާޅުވިއެވެ.

ދިވެހި ތާރީޚު ނުދެކޭވަރުގެ ބޮޑު ކޮރަޕްޝަން މައްސަލައެއް ހިނގައިދިޔަ އިރުވެސް އެއާމެދު އެކަށީގެންވާ ފިޔަވަޅު އެޅުނުތަކެއް ނުފެނޭ. އެކަމުގެ މައުލޫމާތު ރައްޔިތުންގެ ހައްގުގައި ހާމަކުރި ފަރާތްތަކާ މެދު ވަރަށް އެހެން ގޮތަކަށް ކަންތައްތައް ވަމުންދާތަން މިފެންނަނީ. މިއީ ބިރުވެރި ކަންތައްތަކެއް،ފާރިސް

ފާރިސް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބިގަތުމަކީ ޖިނާއީ ކުށެއް ކަމަށާއި އެ ފައިސާ ލިބުނު މީހުންގެ މައުލޫމާތު އެނގުމަކީ ރައްޔިތުންނަށް އޮންނަ ހައްގެއް ކަމަށެވެ.

"ފައިސާ ލިބުމަކީ ޖިނާއީ ކުށެއް. އެމީހަކު ކުރި ކަމެއް ކަމަށް ވަންޏާ ރައްޔިތުންނަށް އެ މައުލޫމާތު ލިބެންޖެހޭ. އެއީ އެވަރު ބޮޑު ކަމެއް، ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމެއް ހިނގައިދާއިރު އޭގެ ފުރިހަމަ މައުލޫމާތު އެނގުމަކީ ރައްޔިތުންނަށް އޮންނަ ހައްގެއް،" ފާރިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމް އިން ވަރަށް ބުރަ މަސައްކަތްކޮށްގެން ގެނައި ސަރުކާރަށް ތިން އަހަރު މިއަދު ފުރިފައިވާއިރު، މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. ސަބަބަކީ ޕީޕީއެމްގެ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުވަމުން އަންނަ މަންޒަރު ފެންނަމުން ނުދާތީ ކަމަށް ފާރިސް ވިދާޅުވިއެވެ.

"އަދި ޚާއްސަކޮށް އަޅުގަނޑުމެންގެ ތެރެއިން މަސްވެރިންނަށް ވަކި އިނާޔަތްތަކެއް، އިންޝުއަރެންސް ސްކީމެއް ތައާރަފް ކުރާނެ ކަމަށް ވާހަކަދެކެވި، ދަނޑުވެރިންނަށް ވަކި ކަންތައްތަކެއް ކޮށްދޭނެ ކަމަށް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ޖެހި. ޒުވާނުންންގެ ތެރެއިން އަލަތު ކައިވެނިކުރާ މީހުންނަށް ކަންތައްތަކެއް ހަމަޖައްސައިދޭނެ ކަމަށް ބުނި. މީގެއިން އެއްވެސް ކަމެއް ހާސިލުވުމާ ގާތަށް ވެސް ތިން އަހަރު ވެގެން ދިޔައިރު މަސައްކަތް ކުރެވިފައި ނެތް ކަމަކީ މިއަދު އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް،" ފާރިސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ސައްޙަކަން މިހާރު މިވަނީ ގެއްލިފައި ކަމަށާއި ރާއްޖޭގައި މިހާރު އޮތީ ގާނޫނީ ސަރުކާރެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފާރިސް ވިދާޅުވިއެވެ.