އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ކޮމެޓީގައި ވޯޓު ދެއްވިއިރު، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ދެ މެމްބަރުން ކަަމށްވާ އަހުމަދު ނާޝިދު (އޭޑީކޭ ނާޝީދު) އާއި އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ބަޖެޓާ އެއްކޮޅަށް ވޯޓު ދެއްވައިފި އެވެ.

އަންނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީން މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ބަޖެޓް ފާސްކުރުމަށް ނެގި ވޯޓުގައި އިދިކޮޅު މެމްބަރުންގެ ތެރެއިން ވޯޓު ދެއްވި ހަމައެކަނި މެމްބަރުންނަކީ ނާޝިދާއި ޝަރީފެވެ.

ބަޖެޓް ފާސްކުރުމަށް ނާޝިދާއި ޝަރީފު ވޯޓު ދެއްވިއިރު، ކޮމެޓީގައި އެ ވަގުތު ތިއްބެވި އެމްޑީޕީގެ އެހެން މެމްބަރުން އެ ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވަ އެވެ. ބަޖެޓާ ދެކޮޅު ހެއްދެވުމުގެ ގޮތުން، ވޯޓުގައި ބައިވެރިވެވަޑައި ނުގެންނަވި އެމްޑީޕީގެ މަޖިލިސް މެމްބަރުންނަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އާއި ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެެވެ.

ބަޖެޓް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ބަޖެޓް ފާސްކުރުމަށް ނާޝީދު ވޯޓު ދެއްވާފައި ވަނީ އޭނާ ތަމްސީލު ކުރައްވާ ކޮމަންޑޫ ދާއިރާގައި އާ މަޝްރޫއެއްގެ ގޮތުގައި ށ. މަރޮށި ބަދަރު ހެދުމަށް ބަޖެޓް ކޮމެޓީން ނިންމާފައި ވަނިކޮށެވެ. މަރޮށީގެ ބަނދަރު ހެދުމަށް ފައިސާ ހިމަނާފައި ވަނީ ކޮމެޓީން ގެނައި ބަދަލެއްގެ ގޮތުގައެވެ.

ބަޖެޓް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމެޓީގެ މުގައްރިރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫއަކުން ފައިސާ އުނިކޮށްގެން މަރޮށި ބަދަރު ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ބަޖެޓް މަޖިލީހަށް ހުށަހެޅިއިރު، އާ މަޝްރޫއެއްގެ ގޮތުގައި ށ. ކޮމަންޑޫގައި 50 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ބަޖެޓްކޮށްފައިވެ އެވެ. އެ މަޝްރޫއަށް 25 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.

ބަޖެޓް ކޮމެޓީގައި ނާޝިދާއި އިވާ ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ނާޝީދު ތަމްސީލު ކުރައްވާ ކޮމަންޑޫ ދާއިރާގައި ހިމެނެނީ ފޯކައިދޫ، މަރޮށި، ކޮމަންޑޫ އެވެ.

ރަށްރަށުގެ ތަރައްގީއަށް ހާއްސަކޮށް 10.3 ބިލިއަން ރުފިޔާ ހިމަނާފައިވާ ބަޖެޓުގައި ފޯކައިދޫގައި ސްޕޯޓްސް އިންފްރާސްޓްރަކްޗާ ގާއިމު ކުރުމަށް 900،000 ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓް ކޮމެޓީން ފާސްކުރީ ސަރުކާރަށް ތާއިދު ކުރާ 13 މެމްބަރުންނާއި ނާޝިދާއި ޝަރީފުގެ ވޯޓާއެކުގައެވެ.

ޝަރީފު ތަމްސީލު ކުރައްވާ މަރަދޫ ދާއިރާގެ ބަނދަރު އަލުން ހެދުމަށް ހަތް މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. އެ މަޝްރޫއަކީ ކޮމެޓީން ބަޖެޓަށް ގެނައި ބަދަލުގައި ހިމަނާފައިވާ މަޝްރޫއެކެވެ.

ބަޖެޓް ކޮމެޓީގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން މަޝްވަރާ ކުރައްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ކޮމެޓީން ފާސްކުރުމުން ދެން އޮންނާނީ، މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް، ފަހު ބަހުސް ކުރިއަށް ގެންދިއުމެވެ. އެއަށްފަހު ބަޖެޓަށް ހުށަހަޅާ އިސްލާހުތަކަށް ވަކިވަކިން ވޯޓަށް އެހުމަށްފަހު ބަޖެޓް ފާސްކުރުމާމެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ވޯޓު ދިނުމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އަދި ވަކިގޮތެއް ނުނިންމައެވެ. މިދިޔަ އަހަރު ވެސް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ބަޖެޓަށް ވޯޓުދިނުމާ ދެކޮޅަށް ތުރީލައިން ވިޕެއް ނެރެފައެވެ.

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ޖުމްލަ އަދަދަކީ 26،791،522،461 ރުފިޔާ އެވެ.