14 Jun 2011, 17:20
ތެހެރާން : އީރާނުގެ އިގުތިސާދުއޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި އީރާނު ތަންފީޒު ކުރަމުންގެންދާ މަނިޓަރީ އަދި ފިސްކަލް ސިޔާސަތުތައް ވަރަށް ކާމިޔާބު ކަމަށް އިންޓާނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ބުނެފި އެވެ.
މިދިޔަ މޭމަހުގެ 28 ން މިޖޫން މަހުގެ 9 އަށް ތެހެރާނަށް ޒިޔާރަތްކުރި އެފަންޑްގެ ޓެކްނިކަލް ޓީމުން ތައްޔާރުކުރުމަށްފަހު މިއަދު އާންމުކުރި ރިޕޯޓެއް ބުނާގޮތުން 2010 ން 2011 ށް އީރާނުން ގެންގުޅޭ މަނިޓަރީ އަދި ފިސްކަލް ސިޔާސަތު ތަކުގެ ސަބަބުން އެމުއްދަތުގައި އެގައުމުގެ އިގުތިސާދު ކުރިއަރައި އިންފްލޭޝަން ރޭޓް 12.4 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމުގަ އެވެ.
ތެލާއި ޤުދުރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ އީރާނުން ދަނޑުވެރިކަމާއި ސިނާއަތާއި އެނޫން ސެކްޓަރުތައް ތަރައްޤީކުރުމަށް އެޤައުމުގެ ސަރުކާރުން ގެންގުޅެފައިވަނީ ވަރަށް ހިކްމަތްތެރި ސިޔާސަތުތަކެއް ކަމަށާއި 2010 އާއި 2011 އާ ދެމެދު ތެލުގެ އަގު ދަށަށް ގޮސްފައިވީ ނަމަވެސް އެސިޔާސަތު ތަކުގެ ސަބަބުން އީރާނުގެ އިގުތިސާދަށް 3.5 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެރިޕޯޓް ބުނެ އެވެ.
އެރިޕޯޓް ބުނާގޮތުން އީރާން ގެންދަނީ ވަރަށް ފުޅާދާއިރާއެއްގައި އިގުތިސާދީ އިސްލާޙްތަކެއްވެސް ގެންނަމުންނެވެ. އެއިސްލާޙްތަކާއެކު ކާބޯތަކެތީގައި ހިމެނޭ އަސާސީތަކެއްޗަށް ސަރުކާރުން ޒާމާނުއްސުރެ ދެމުންގެންދިޔަ ސަބްސިޑީ ކުޑަކުރިނަމަވެސް އިންފްލޭޝަނާ ދެކޮޅަށް ގެންގުޅުނު ސިޔާސަތުތައް ކާމިޔާބު ކަމުން ކާބޯތަކެތީގެ އަގުތައް އަތްނުފޯރާވަރަށް މައްޗަށް ގޮސްފައިނުވާ ކަމަށް އައިއެމްއެފްގެ ރިޕޯޓް ބުނެ އެވެ.
ކާބޯތަކެތީގައި ހިމެނޭ އަސާސީ ތަކެއްޗަށް ސަރުކާރުން ޒާމާނުއްސުރެ ދެމުންގެންދިޔަ ސަބްސިޑީ ކުޑަކުރުމުން އެމުއްދަތުގައި އީރާނުގެ ބަޖެޓުން 60 ބިލިޔަން ޑޮލަރު ސަލާމަތް ކުރެވިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބަޖެޓް ޑެފިސިޓް ކުޑަވެ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރާނެ ގިނަ އަދަދެއްގެ ފައިސާ އީރާނުގެ ހަޒާނާއަށް ލިބިގެން ދިޔަ ކަމަށް އެރިޕޯޓް ބުނެ އެވެ.
އިގުތިސާދު އިސްލާހް ކުރުމަށް އީރާނުން ގެންގުޅޭ ޕްރައިވެޓައިޒޭޝަން ސިޔާސަތު ތަކުގެ ސަބަބުން އީރާނުގެ ސްޓޮކް މާކެޓްގައި އެޤައުމުގެ ކުންފުނިތަކުގެ ހިއްސާގެ އަގު މަތިވެ ކުންފުނިތަކުގެ އާމްދަނީވެސް އެ މުއްދަތުގައި އިތުރުވެގެން ގޮސްފައިވާ ކަމަށް އެރިޕޯޓް ބުނެ އެވެ.
އީރާނަކީ އެޤައުމުގެ ނިއުކްލިޔާ ޕްރޮގްރާމްގެ ސަބަބުންނާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ އިޤްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް ވެފައިވާ ގައުމެކެވެ.
އަދި އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް އެމެރިކާގެ ނުފޫޒުގައި އދ. އިން ވަނީ އީރާނާ ދެކޮޅަށް ހަތަރު ފަހަރެއްގެ މަތިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.
އީރާނުގެ އިސްލާމީ އިންގިލާބަށްފަހު މިވީ 33 އަހަރު ތެރޭގައި އެމެރިކާ އިން ވަނީ އެމެރިކާއަށް އެޅޭނެ އެންމެ ހަރުކަށި އިގުތިސާދީ، އަސްކަރީ އަދި ޓެކްނޮލޮޖީގެ ދަތި ކުރުމުގެ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅާފަ އެވެ. (ރޮއިޓާސް+އަލްޖަޒީރާ)