މާލޭގައި އުޅަނދުފަހަރު ޕާކު ކުރުމަށް ޖާގައިގެ ދަތިކަން ދިމާވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މާލޭގައި ގާއިމުކުރާ މެކޭނިކަލް ޕާކިންގް ސިސްޓަމްތަކުގެ ތެރެއިން ފުރަތަމަ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން އެސްޓީއޯއާ ހަވާލުކޮށްގެން ރާއްޖެ ގެންނަނީ ކާރު ޕާކު ކުރާ 10 މެކޭނިކަލް ސިސްޓަމާއި ސައިކަލު ޕާކު ކުރާ 10 ސިސްޓަމެވެ. ކާރު ސިސްޓަމެއްގައި 10 ކާރު ޕާކު ކުރެވޭ އިރު ސައިކަލު ސިސްޓަމެއްގައި 100 ސައިކަލު ޕާކު ކުރެވޭނެއެވެ.

މެކޭނިކަލް ކާރ ޕާކިން ސިސްޓަމެއްގެ ޑެމޯއެއް-- ޔޫޓިއުބް ވީޑިއޯ- ޑީއައިޖީ

ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން ޕީއެސްއެމްގެ ޓީވީއެމުން ފޮނުވަމުން ގެންދާ "ޤައުމު ބިނާކުރުމުގެ ތިން އަހަރު" ޕްރޮގްރާމުގައި މިއަދު ވާހަކަ ދައްކަވަމުން ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޕާކިންގް ސިސްޓަމްތަކުގެ ތެރެއިން ފުރަތަމަ ސިސްޓަމު ރާއްޖެ ގެނެވި، އެ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއީ ކާރު ޕާކިންގް ސިސްޓަމެކެވެ.

"ފުރަތަމަ ސިސްޓަމް ގެނެވިއްޖެ. ކާރު ޕާކިންގް ސިސްޓަމެއް މާލެ ގެނެވި، ވެލާނާގެ ކައިރީގައި އެ ބެހެއްޓުމަށް ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިޔަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސިސްޓަމްތައް ބަހައްޓާނީ ތޮއްޖެހިފައި ހުންނަ މަގުތަކަށް އިސްކަން ދީގެން ކަމަށެވެ.

މިދިޔަ މަހު ވެސް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުން، މާލޭގައި އެންމެ ފުރަތަމަ ވެސް އިންސްޓޯލް ކުރެވޭނީ، ވެލާނާގެ ކައިރީގައި ކާރު ޕާކިންގް ސިސްޓަމެކެވެ.

"މި ސިސްޓަމް ބެހެއްޓުމުން އެ ސަރަހައްދަށް ކޮންމެސް ވަރެއްގެ ލުޔެއް ލިބިގެން ދާނެ،" މިނިސްޓަރު މިދިޔަ މަހުގެ ތެރޭގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ނޮވެމްބަރުން ފެށިގެން ކޮންމެ މަހަކުވެސް ދެ ސިސްޓަމް ވަރު ގެންނަމުން ދާނެ ކަމަށާއި، އަންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ހުރިހާ ޕާކިންގް ސިސްޓަމެއް މާލެ ގެނެވޭނެ ކަމަށެވެ.

އަދި މި ސިސްޓަމްތަކާ ގުޅޭ ގަވައިދު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕާކިންގް ސިސްޓަމްތައް ގާއިމުކުރާނެ ސަރަހައްދުތައް ހައުސިންގް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ އިރު، އެސަރަހައްދުތައް ފަހުން ހިއްސާ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.