ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ކެޕިޓަލް އިންވެސްޓްގެ ގޮތުގައި 410 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވެއްޖެ އެވެ.

ޒިޔަތު އެހެން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އެމްޓީސީސީގެ ސޯމިލްގައި ކުރިއަށްގެންދިޔަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޒިޔަތު ވިދާޅުވީ، އާންމުންގެ ފަސޭހައަށް ގިނަ މަސައްކަތްތަކެއް އެމްޓީސީސީން ކުރަމުން އަންނަ އިރު، އެ ފައިސާ އިންވެސްޓްކޮށްފައި ވަނީ އެމްޓީސީސީގެ މިހާރުގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމުގައިވާ "މަހާ ޖައްރާފް" އަށް ކުރި އިންވެސްޓް ނުލައި ކަމަށެވެ.

"ވޭތުވެދިޔަ ތިން އަހަރު އެމްޓީސީސީން ގާތްގަނޑަކަށް ކެޕިޓަލް އިންވެސްޓްމެންޓްގެ ގޮތުގައި 410 މިލިއަން ރުފިޔާ އެބަހުރި އިންވެސްޓްކޮށްފައި. އެއީވެސް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. އަދި އެއީ އަޅުގަނޑުމެންގެ އެންމެ ބިޔަ އެންމެ ބޮޑު މަޝްރޫއެއް ކަމުގައިވާ މަހާ ޖައްރާފް ނުލާ. އެހެންވީމަ ކުރިއަށް މިއޮތީ އަޅުގަނޑުމެންނަށް ވަރަށް ޝައުގުވެރި ދުވަސްތަކެއް،" ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި އެމްޓީސީސީ އަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ހޯދާފައިވާ ކުންފުންޏަކަށް ވެގެންދާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ، މިއަހަރުގެ ތެރޭގައި އެ ކުންފުނިން ޕްރިމިއަމް ފެރީތަކަކާއި ޑަބަލްޑެކް ފެރީވެސް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓްތަކަށް ބަލާނަމަ މިހާރުވެސް އެ ކުންފުނިން ސަރުކާރުގެ 56 ޕްރޮޖެކްޓް ކުރިއަށްގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެމްޓީސީސީގެ ޝެއާ ހޯލްޑަރެއްގެ ހައިސިއްޔަތުން ވެސް، އެމްޓީސީސީއަށް ވޭތުވެދިޔަ ތިން އަހަރު ލިބުނު ކުރިއެރުމާމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކުންފުނީގެ ފައިދާ ތިންގުނަ އިތުރުވެފައިވާ އިރު، ކުންފުނީގެ ގިނަ ޕްރޮޖެކްޓްތަކަކީ ދިވެހި ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅުންހުރި ޕްރޮޖެކްޓްތަކެއް ކަން ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ ރަށްރަށުގައި ބިމުގެ ދަތިކަން ފިލުވާލުމަށްޓަކައި، އެމްޓީސީސީގެ މަހާ ޖައްރާފްގެ އެހީގައި ވަރަށް އަގުހެޔޮކޮށް ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްދާނެ. އޭގެ އިތުރުން ވެސް އެމްޓީސީސީ އަކީ މިހާރުވެސް ރައްޔިތުންނާ ގުޅުންހުރި އެތައް ޕްރޮޖެކްޓްތަކެއް ކުރިއަށްގެންދާ ކުންފުންޏެއް،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މިއަދު އެމްޓީސީސީން ބޭއްވި ހަފްލާގައި އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ވަނީ ބައިވެރިވެފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ސަރުކާރުން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައެވެ.