17 Nov 2016, 17:21
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 26.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ފާސްކޮށްފި އެވެ.
ބަޖެޓު ކޮމިޓީން އެގޮތަށް ފާސްކުރީ، އެ ކޮމިޓީގައި އެކުލެވޭ މެމްބަރުންގެ ތެރެއިން 15 މެމްބަރުންގެ ވޯޓުންނެވެ.
ކޮމިޓީން ބަޖެޓު ފާސްކުރީ، ސަރުކާރުން މަޖިލީހަށް ހުށަހެޅި ޖުމްލަ އަދަދަށް ބަދަލެއް ނާންނަ ގޮތަށެވެ. ބަޖެޓު ދިިރާސާ ކުރާ ކޮމިޓީން ބަޖެޓު ފާސްކުރީ، އެ ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގަ އެވެ.
ބަޖެޓް ފާސްކުރީ ބަޖެޓުގައި ޖަހާފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް ބަދަލުތަކެއް ގެނައުމަށްފަހު އެވެ. އެގޮތުން ބަޖެޓުގައި މިހާރު ހިމަނާފައިވާ ބައެއް މަޝްރޫއުތަކުން ފައިސާ އުނިކުރުމަށްފަހު އަލަށް ވަނީ 21 މަޝްރޫއެއް ފަށަން ހިމަނާފަ އެވެ. އެ މަޝްރޫއުތައް ބަޖެޓުގައި ހިމެނީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓް ބަހުސްގައި މެމްބަރުން ކަންބޮޑުވުންފާޅު ކުރެއްވި ދާއިރާތަކަށް އިސްކަން ދެއްވައިގެންނެވެ.
އެގޮތުން ސަރުކާރަށް ނިސްބަތްވެވަޑައި ނުގަންނަވާ ބައެއް މަޖިލިސް މެމްބަރުން ތަމްސީލު ކުރައްވާ ދާއިރާތަކަށް ވެސް މަޝްރޫއުތައް އަލުން ހިމަނާފައިވެ އެވެ. އެގޮތުން ކޮމަންޑޫ ދާއިރާ އާއި މަކުނުދޫ ދާއިރާފަދަ އިދިކޮޅު މެމްބަރުން ތަމްސީލު ކުރައްވާ ދާއިރާތައް ހިމެނެ އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި 26.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ޖުމްލަ ބަޖެޓުގެ ތެރެއިން 22.2 ބިލިއަން ރުފިޔާ އަންނަ އަހަރު ހަރަދުކުރަން ނިންމާފައި ވާއިރު، އޭގެ ތެރޭން 49.3 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. ހަތަރު ބަޔަކަށް ބަހާލާފައިވާ ބަޖެޓުގައި ރައްޔިތުންނަށް ދޭ ހިދުމަތަށް 7.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އިޖުތިމާއީ ތަރައްގީ އަށް ކުރާ ހަރަދު 10.3 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި އިގްތިސާދީ ތަރައްގީ އަށް ކުރާ ހަރަދަށް 3.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ދަރަނި އަދާކުރުމުގެ ހަރަދު 5.9 ބިލިއަން ރުފިޔާ ބަޖެޓުގައި ޖަހާފައިވެ އެވެ.