މަޝްހޫރު ދީނީ އިލްމުވެރިޔާ، މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) އަށް އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުކުރު ޚުތުބާ ދިނުމުގެ ހުއްދަ ދީފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ މާދަމާގެ ހުކުރު ޚުތުބާ ދިނުމުގެ ހުއްދަ މުފްތީ މެންކްއަށް ދީފައި ވަނީ ގިނަ ބަޔަކު މިނިސްޓްރީގައި އެކަމަށް އެދެމުންދާތީ ކަމަށެވެ. އޭނާ މިހެން ވިދާޅުވި އިރު، މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ އިސްލާމީ މަރުކަޒުގައި ދިވެހި ބަހުން ހުތުބާ ދިނުމަށް މިދިޔަ އަހަރު އުސޫލެއް އެކުލަވާލާފައިވާ ކަމަށާއި މެންކަށް ހުއްދަ ނުދިނީ އެ އުސޫލު އެގޮތަށް އޮތުމުން ކަމަށެވެ.

ނަމަވެސް، މެންކްއަށް އިސްލާމީ މަރުކަޒުގައި ޚުތުބާ ދެވޭ ގޮތް ހަމަޖައްސައި މާދަމާގެ ހުކުރު ޚުތުބާ ޕީއެސްއެމް އިން ލައިވް ކުރުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެ މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ހުކުރު ހުތުބާއަކީ ހަފުތާއަކު އެއް ފަހަރު، ގައުމުގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭ މެސެޖެއް ކަމުން އެ ވާން ޖެހޭނީ އެންމެންނަށް ވެސް އެނގޭ އެއްޗަކަށް ކަމަށެވެ. މުފްތީ މެންކް އަށް އިސްލާމީ މަރުކަޒުގައި ޚުތުބާ ނުދެވޭނެ ކަމަށް ނިންމުމުން އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އިއްޔެ އިސްލާމިކް މިނިސްޓްރީއަށް ބަޔަކު ވަނީ ގޮސްފަ އެވެ.

އިސްލާމީ މަރުކަޒުގައި ޚުތުބާ ނުދެވޭނެ ކަމަށް ނިންމައި، އެ މިސްކިތުގެ ބަދަލުގައި މެންކަށް ހުއްދަ ދިނީ ފުރުގާން މިސްކިތުގައި ޚުތުބާ ދިނުމަށެވެ.

މާދަމާގެ ހުކުރު ޚުތުބާ މަސްޖިދު މުހައްމަދު ތަކުރުފާނުލް އައުޒަމުގައި ދިނުމުގެ ހުއްދަ މެންކަށް ދީފައިވާއިރު، މާދަމާ ރޭ، އިސްލާމީ މަރުކަޒުގައި ދީނީ ދަރުސެއް ދިނުމުގެ ހުއްދަވެސް މެންކަށް ވަނީ ދީފަ އެވެ.