ހއ. ފިއްލަދޫ ބަނދަރު ހެދުމަށް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ ރަށުގެ ހާބަރު ހެދުމަށް ހަވާލުކޮށްފައި ވަނީ އާރުއާރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ރަށު ހާބަރު މަސައްކަތުގެ ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އާރުއާރު މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މޭޖިންގް ޑިރެކްޓަރު ރަންޖިތް ސެނަގަރަ އެވެ.

އެކުންފުންޏާ މަސައްކަތް ހަވާލުކޮށްފައި ވަނީ 300 ދުވަސްތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށް 28 މިލިއަން ރުފިޔާ އަށެވެ.

ފިއްލަދޫގައި އަޅަން ހަމަޖައްސާފައި ވަނީ 1005 ފޫޓު ދިގު، 75 ފޫޓު ފުޅާ ބަނދަރެކެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ލަފާ ފުރާނެ ބަނދަރެއް ނެތުމަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަަމަށާއި ބަނދަރު އަޅައި ނިމުމުން ފިއްލަދޫ ރައްޔިތުންނަށް ލަފާ ފުރުމުގައި ފަސޭހަވެގެން ދާނެ ކަމަށެވެ.