ހިމާޔަތްކޮށްފައިވާވާ ދޫނި ހިފައިގެންގުޅުން އިތުރުވަމުންދާތީ ފިޔަވަޅުއަޅާނެ ކަން އެންވައިރޮމެންޓަލް ޕުރޮޓެކްޝަން އެޖެންސީ(އީޕީއޭ) އިން އަންގައިފި އެވެ.

އީޕީއޭއިން މިއަދު ބުނީ މިދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ވައްތަރުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އެދޫނިތަކަކީ ހިމާޔަތް ކުރެވިފައިވާ ދޫންޏަށްވާ އިރު އެފަދަ ދޫނިތައް ހިފައި ގޯނާކުރާކަން ފާހަގަކުރެވޭކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

އެގޮތަށް އަމަލުކުރާ ފަރާތްތައް ގަވައިދުގެ ދަށުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.ގަވައިދުބުނާ ގޮތުން އެ ފަދަ ފަރާތްތައް 501 ރުފިޔާ އިން 50000 ރުފިޔާއާއި ދޭތެރޭ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.

މިދުވަސްވަރު ރާއްޖެ އަށް ޒިޔާރަތްކުރާ ދޫންޏަކީ މަދިރި ކޮންޓްރޯލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދޫނިތަކަށް ވާތީ އެދޫނިތަކަކީ މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ދޫނިތަކެއް ކަމަށް އެފްޕީއޭއިން ބުނެއެވެ.