ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް 76 މީހަކަށް ޖުމްހޫރީ ޕާޓީން ޓިކެޓު ދީފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ސަން އަށް މިއަދު ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް 76 މީހަކަށް ޓިކެޓު ދިނުމަށް ފާސްކުރީ މިއަދު ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ 93 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

އޭނާ ވިދާޅުވީ 76 މީހުން ވާދަކުރަނީ ކޮން ކައުންސިލްތަކަކަށްކަން ފަހުން ހާމަކުރާނެ ކަމަށެވެ.

ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިން އެޕާޓީން ވަނީ ހުޅުވާލައިފަ އެވެ.

އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ ވާދަކުރަނީ ގުޅިފައިވާ ކޯލިޝަނަކުންނެވެ. އެމްޑީޕީން ވަނީ ކައުންސިލް އިންތިޚާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރާނެ މީހުން ކަނޑައެޅުމަށް ޮޕްރައިމަރީއެއް ވެސް ބާއްވައިފަ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމް އާއި އެމްޑީއޭ ވެސް ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ ގުޅިފައިވާ ކޯލިޝަނަކުންނެވެ. ޕީޕީއެމްގެ ޕްރައިމަރީ މިމަހުގެ 25 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފަ އެވެ.