17 Nov 2016, 15:26
އިންޑިއާގެ ވިޔަފާރި ކުންފުނި، ޖީއެމްއާރުގެ އަތުން އިބްރާހީމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމުގައި ހިތްވަރު ދެއްވީތީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޝުކުރު އަދާކުރައްވައިފި އެވެ.
ޑރ. ވަހީދު އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖީއެމްއާރާ އެކު ގާއިމު ކުރި، އެއާޕޯޓް 25 އަހަރަށް އެ ކުންފުންޏަށް ކުއްޔަށްދިނުމަށް ހެދި އެގްރީމެންޓް، ބާތިލު ކުރުމަށް ހިތްވަރު ދެއްވި ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނުގެ ކެބިނެޓްގެ އިތުރަށް ރައީސް ޔާމީން ވެސް ހިމެނިވަޑައިގަނަވާ ކަމަށެވެ.
I thank all who supported and encouraged us to cancel GMR contract especially my cabinet & Pres Yamin. Its the right decision for Maldives.
— Mohamed Waheed (@DrWaheedH)November 16, 2016
މާލޭ އިންޓަނޭޝަނަލް އެެއާޕޯޓް، ދިވެހި ސަރުކާރާ ހަވާލުކުރުމަށް ޖީއެމްއާރަށް ދިނީ ހަތް ދުވަހުގެ ނޯޓިސް އެކެވެ. އެއީ 27 ނޮވެމްބަރު 2012 ގަ އެވެ. ދިވެހި ސަރުކާރުން އެ އެގްރީމަންޓް ބާތިލު ކުރީ، އެ އެގްރީމަންޓަކީ އުފެދުމުގައި ވެސް ސައްހަ އެގްރީމެންޓެއް ނޫން ކަމަށް ބުނެ އެވެ.
އެ އަށް ފަހު ޖީއެމްއާރުން އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަކަށް ހުށަހެޅި އެވެ. އަދި އެ ކުންފުނިން ދައުވާ ކުރީ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު (21.58 މިލިއަން ރުފިޔާ) ހޯދުމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓުގައި ވަކާލާތުކޮށް، ކުރި މަސައްކަތާ އެކު، ޖީއެމްއާރަށް ދިނުމަށް އެ ކޯޓުން ހުކުމް ކުރީ، ބަދަލުގެ ގޮތުގައި 271 މިލިއަން ޑޮލަރު ނޫނީ 4.1 ބިލިއަން ރުފިޔާ އެވެ.
އެ ހުކުމް ކުރިތާ މަސް ދުވަސް ނުވަނީސް އެއާޕޯޓް ކުންފުނިން ވަނީ އެ ފައިސާ ޖީއެމްއާރަށް ދައްކައި ހަލާސްކޮށްފަ އެވެ.
ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލަން ޖެހޭ ކަމަށް އެންމެ ބޮޑަށް އޭރު ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ ރައީސް ޔާމީން އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަކާލާތު ކުރެއްވީ، ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލަން ޖެހޭނެ ކަމަށެވެ.
ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލައި އަދި ވޭތުވެ ދިޔަ ދެ ތިން އަހަރުގެ ތެރޭގައި ކުރި މަސައްކަތް ނިންމައި ފައިސާ ދައްކައި ހަލާސް ކުރުމުން ޝުކުރު އަދާކުރައްވައި ކުރެވި ޓުވީޓުގައި ޑރ. ވަހީދު ވިދާޅުވީ ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލެވުމަކީ ގައުމަށް ޓަކައި ނިންމެވުނު ހަރުދަނާ ނިންމެވުމެއް ކަމަށެވެ.