އިންޑިއާގައި މައިނިންގް ވިޔަފާރި ކުރާ މަހުޖަނަކު، އޭނާގެ އަންހެން ދަރިފުޅަށް 75 މިލިޔަން ޑޮލަރު (1.1 ބިލިއަން ރުފިޔާ)ގެ އަގުބޮޑު ކައިވެނި ހަފްލާއެއް ބާއްވައިދީފިއެވެ.

އިންޑިއާ ސަރުކާރުން އެ ގައުމުގެ މާލީ ނިޒާމަށް ކުއްލި ބަދަލެއް ގެނެސް، އެކަމުގެ އުނދަގޫތަކެއް ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ގާލީ ޖަނަރްދަން ރެޑީ، ކައިވެނި ހަފްލާއަކަށް މިހާ ގިނަ ފައިސާ ހޭދަކުރުމުން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔުން އަމާޒު ކުރަމުންނެވެ.

ރެޑީ ވަނީ އޭނާގެ ދަރިފުޅުގެ ކައިވެނި ބޭއްވުމަށް ބެންގަލޫރުގައި ހުންނަ ބެންގަލޫރު ޕެލެސް ބޮޑު އަގުގައި ކުއްޔަށް ދީފައެވެ.

އަދި އެ ހަފްލާއަށް ދައުވަތު ދީގެން އައި 50،000 އެއްހާ މީހުންގެ މުނިފޫހިފިލުވައިދިނުމަށް ރެޑީ ވަނީ، ބްރެޒިލްއިން ނެށުންތެރިންގެ ޓްރޫޕެއް ވެސް ގެނެސްފައެވެ. އަދި އެ ޕާޓީގެ ދައުވަތު ކާޑު ވެސް ހުރީރަނުން ޖަރީކޮށްފައެވެ.

ރެޑީގެ ދަރިފުޅުގެ ވެޑިންގް ސާރީގެ އަގަކީ ދެ މިލިޔަން ޑޮލަރެވެ. އަދި އޭނާ އެޅި ގަހަނާތަކަށް އިތުރު މިލިޔަނެއް ޚަރަދުކޮށްފައިވެއެވެ.

ރެޑީއަކީ ކަރުނާތަކާ ސްޓޭޓުގައި، ވެރިކަންކުރާ ބީޖޭޕީއަށް ނިސްބަތްވާ މިނިސްޓަރެއްގެ މަގާމު އަދާކުރެއްވި ވިޔަފާރިވެރިއެކެވެ.

ދަރިފުޅުގެ ކައިވެންޏަށް 75 މިލިޔަން ޑޮލަރު ރެޑީ ޚަރަދުކުރި އިރު، އިންޑިއާ ސަރުކާރުން މިމަހުގެ ކުރީކޮޅު ވަނީ، އެގައުމުގައި ބޭނުންކުރާ 500 ރުޕީސް އަދި 1،000 ރުފީސްގެ ނޫޓުތައް ކުއްލި ގޮތަކަށް އުވާލައިފައެވެ. އެގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވި ގޮތުގައި، އިންޑިއާ ސަރުކާރުގެ އެ ނިންމުމަކީ ކޮރަޕްޝަނާއި ވަގު ފައިސާއާއި ކަޅު ފައިސާ ދޮވުމުގެ އަމަލުތައް ހުއްޓުވުމަށް ނިންމި ނިންމުމެކެވެ.

އެ ނިންމުމާ ވިދިގެން އިންޑިއާގެ ބޭންކުތަކާއި އޭޓީއެމްތައް ދެ ދުވަހަށް ބަންދު ކުރުމާ ގުޅިގެން، އެ ގައުމުގެ ރައްޔިތުންނަށް ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. އަދި މިވަގުތުވެސް ކާނާއާއި ފެން ފަދަ މުހިންމު ތަކެތި ހޯދުމަށް ފައިސާ ހޯދުމަށް ވެސް ރައްޔިތުންނަށް ވަނީ ދަތިވެފައެވެ.