އިނގިރޭސި ގައުމީ ކެޕެޓަން ވޭން ރޫނީ އެ ޓީމުގެ ކޯޗު ގެރެތް ސައުތުގޭޓްގެ ކިބައިން މައާފަށް އެދެފި އެވެ.

ރޫނީ މައާފަށް އެދިފައި ވަނީ އަންގާރަ ދުވަހުގެ ރޭ ނައިޓް ކްލަބެއްގެ ތެރެއިން ނުކުންނަ ފޮޓޯތަކަށް ސޯސަލް މީޑިއާގައި އާންމްވެ އޭނާގެ އަހްލާގާ ދޭތެރޭ ފާޑުކިޔުންތަކެއް އަމާޒުވުމާއެކު އެވެ.

ރޫނީގެ ފަރާތުން ނެރުނު ސްޓޭޓްމަންޓްއެއްގައި ބުނީ ސުއުތުގޭޓް އާއި އެފްއޭގެ ޓެކްނިކަލް ޑައިރެކްޓަރު ޑެން އޭޝްވޯތްއާ ރޫނީ ބައްދަލުކޮށް މައާފަށް އެދިފައިވާ ކަމަށާއި އަދި ސަޕޯޓަރުންގެ ކިބައިން ވެސް މައާފަށް އެދެން ބޭނުންވާ ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ހޮނިހިރު ދުވަހުގެ ރޭ ސްކޮޓްލެންޑް އަތުން 3-0ގެ ނަތީޖާ އަކުން މޮޅުވި މެޗަށްފަހު އޭގެ އެއް ދުވަސް ފަހުން ރޫނީ އާއި އެފްއޭގެ ބައެއް ސްޓާފުން ވަނީ ދަންވަރު ނައިޓް ކްލަބަކަށް ގޮސްފައެވެ.

އެކަމާ ގުޅޭ ގޮތުން އެ ގައުމުގެ އެފްއޭއިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި އެފްއޭއިން ވަނީ ކުޅުންތެރިންގެ ދަނޑު ބޭރުގައި އުޅޭއުޅުމުގައި ވެސް އެފްއޭގެ ގަވާއިދުތަކާ އެއްގޮތަށް އުޅުމަށް ނަސޭހަތްތެރިވެ ގަވާއިދު އޮނިގަޑު އިތުރަށް މުރާޖާ ކުރާނެ ކަމަށް ބުނެފައެވެ.

ސްކޮޓްލެންޑް މެޗަށް ފަހު އަނިޔާގައި ހުރި ރޫނީއަށް ވަނީ ސްޕެއިންނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް ކުޅެވޭ ގޮތް ނުވެފައެވެ.

އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެކުވެރިކަމުގެ މެޗެއްގައި އިނގިރޭސިން ޖަރުމަނާ ދެކޮޅަށް ނުކުންނަ މެޗުގައި ވެސް ރޫނީއަށް ކުޅެވޭނެ ކަމެއް އަދި ޔަގީނެއް ނުވެއެވެ.