ރާއްޖެއަށް ގެނެސްދެއްވާފައިވާ ތަރައްގީ އާއި ރާއްޖޭ ހިނގަމުންދާ ސްޕީޑަށް ބަލާ އިރު، އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ 2018 ވަނަ އަހަރު އިންތިޚާބަކާ ވެސް ނުލައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރައީސުލްޖުމްހޫރިއްޔާކަން ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ކްލެމެންސީ ބޯޑަށް ރަައްޔިތުންގެ މަޖިލީހުން ހަމަޖައްސާފައި ހުންނަވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީޑު އިބްރާހިމް އެ ބޯޑުން ވަކިކުރުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅިގެން ބަހުސް ކުރައްވަމުން، ރިޔާޒް ވިދާޅުވީ ރާއްޖޭގައި ބަލާލި ކޮންމެ ދިމާލަކުން ފެންނަމުން ދަނީ ތަރައްގީގެ މަޝްރޫޢުތައް ހިނގަމުންދާ ތަން ކަމަށެވެ.

"ކޮންމެ ދުވަހަކު އިރު އަރަނީ ﷲގެ އިރާދަފުޅާ އެކު، ރައީސް ޔާމީނު އަޅާ ބުރިޖު މަތިން. އަދި އިރު އޮއްސެނީ ރައީސް ޔާމީން ހެއްދެވި ރީތި ބީޗު، ރަސްފަންނާ ދިމާލުން،"

ރިޔާޒް ވިދާޅުވީ، މިކަންކަމަށް ބަލާ އިރު އެންމެ އަޚްލާގީ ގޮތުން ރަނގަޅު، އަދި އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ 2018ގެ ރިޔާސީ އިންތިޚާބަށް އިތުރު ބޭފުޅަކު ކުރިމަތިނުލައްވައި، ވޯޓު ވެސް ލުމަކާ ނުލައި ރައީސް ޔާމީނަށް ވެރިކަން ދިނުން ކަމަށެވެ.

"އަޅުގަނޑު އެދެނީ އަޚްލާގީ ގޮތުން އެންމެ ރަނގަޅު ގޮތަކީ ރައީސް ޔާމީން، ވޯޓަކާ ނުލައި 2018 އަށް އިންތިޚާބުކުރުން. އެއީ އިތުރު މީހަކު ކުރިމަތިނުލައި. މިވަގުތު ރާއްޖެ ހިނގަމުންދާ ސުޕީޑާއި ރާއްޖެ އަށް އައިސްފައިވާ ކުރިއެރުމަށް ބަލާއިރު އެންމެ މަސްލަހަތު ހުރި ގޮތަކީ މިއީ. ރައީސް ޔާމީން އެކަނި ކުރިމަތިލާފައި، ވޯޓަކާ ވެސް ނުލައި 2018 އެމަނިކުފާނަށް ދިނުން،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ހުރިހާ ކަމެއް ކުރައްވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ގާނޫނުގައި ނެތްކަމެއް ވިއްޔާ އެކަމެއް މަޖިލީހުގެ މަޝްވަރާއަށް ފޮނުއްވާ ކަމަށެވެ.

"ގާނޫނުގައި ނެތް ކަމެއް ވިއްޔާ މަޖިލީހުގެ މަޝްވަރާއަށް ފޮނުއްވަނީ. މަޖިލީހުން އެ ބަދަލުތައް ގެންނަވަނީ،" ރިޔާޒް ވިދާޅުވި އެވެ.