14 Jun 2011, 17:10
މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު ގެއެއްގެ ތެރެއަށް ހަތަރު މީހަކު ވަދެ މާރާމާރީ ހިންގުމަށް ފަހު ފިލި ކަމަށް ބުނާ މައްސަލައެއްގައި އެތަނަށް ދިޔަ ފުލުހަކު އެ މައްސަލައިގެ ޝަރީއަތުގައި މިއަދު ހެކިބަސް ދިން އިރު ހެކިބަސް ދީފައި ވަނީ އޭނާ ދީފައިވާ ތަހުގީގު ބަޔާނާ މުޅިން ތަފާތުކޮށެވެ.
އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން ދައުވާ ކުރަނީ މ. ކޮޅުފުށީ، ޒަހީރާމަންޒިލް، އަހުމަދު ސިރުހާނާއި ގއ. ދާންދޫ، ދިލްކަޝްވިލާ، ހައުޒާން ނިޒާމާއި ގއ. ވިލިނގިލީ، ހިތިލާގޭ، މުހައްމަދު ނައްވިރާއި ހ. ހަމަރޯޅި، ރިލްވާން ފަރުހަތާއި ހ. އަގި، އަސީލް އިސްމާއިލްގެ މައްޗަށެވެ. އަސީލަކީ އެ މާރާމާރީގައި ޒަހަމްވި މީހާ އެވެ. އަސީލްގެ މައްޗަށް ދައުވާ ކުރަނީ އޭނާގެ އަތުން ވެސް ތޫނު ހަތިޔާރެއް އޮތް ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެހެން ކޯޓް ރޫމެއްގައި ހުރެ އަޑު ބަދަލުކޮށްގެން ހެކި ބަސް ދެމުން މާރާމާރީ ހިނގި ގެޔަށް ދިޔަ ފުލުހަކު ބުނީ އެ ގެޔަށް ބަޔަކު ވަތް ތަން ދުށް ކަމަށާއި ނަމަވެސް އެއީ ކޮން ބައެއްކަން ބުނެދޭން ނޭނގޭ ކަމަށެވެ. އެކަމަކު އޭނާ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައި ވަނީ ދައުވާ ލިބޭ ފަސް މީހުންގެ އަތުގައި ހަތިޔާރު ހުއްޓާ ފެނިފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު ސުވާލު ކުރެއްވުމުން ފުލުސް މީހާ ބުނީ މީހުންގެ ނަން ބަޔާނުގައި ހިމަނާފައި ވަނީ އިންވެސްޓިގޭޝަން އޮފިސާ ބުނެގެން ކަމަށާއި ހަގީގަތުގައި އެއީ ކޮން ބައެއްކަން ނޭނގޭ ކަމަށެވެ.