19:00


ރާއްޖޭގެ ސިއްހީ ދާއިރާއަށް ދުބާއީގެ ޚަލީފާ ފައުންޑޭޝަން ފޯ ހިއުމަނިޓޭރިއަން ވޯކްސް އިންދޭ ޚާއްސަ އެހީގެ ދަށުން ދުރުން ދޭ ސިއްހީ ޚިދުމަތް ފުޅާކުރުމާ ބެހޭ އެއްބަސްވުމެއްގައި ފޮރިން މިނިސްޓްރީން ސޮއިކޮށްފި އެވެ.


ޔޫއޭއީ އިންޓެރެކްޓް ވެބްސައިޓްގައި ބުނެފައި ވަނީ ދުބާއީގެ ރިޔާސީ ގަނޑުވަރުގައި މިމަހު ފަސް ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަހުމަދު ނަސީމް ކަމަށެވެ. އަދި ޚަލީފާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެޖަމިއްޔާގެ ޑެޕިއުޓީ ޗެއާމަން އަހުމަދު ޖުމްއާ އައްޒައަބީ ކަމަށެވެ.


މި އެއްބަސްވުމަކީ ޚަލީފާ ފައުންޑޭޝަންގެ ފަރާތުން ސިއްހީ އަދި ތައުލީމީ ދާއިރާއިން ގައުމުތަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ، ގައުމުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރަށް ހުޅުވާލުމުގެ ގޮތުން ހިންގާ ޕްރޮޖެކްޓެކެވެ. މިގޮތުން "ޝައިޚް ޚަލީފާ ބިން ޒައިދު ޑިސްޓަންޓް މެޑިކަލް ސާވިސަސް"ގެ ނަމުގައި ރާއްޖޭގެ 35 ސަރަހައްދެއްގައި މަރުކަޒުތަކެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޑޮކްޓަރުންނާއި ބަޔޯޓެކްނޮލޮޖީ ސްޕެޝަލިސްޓުންގެ އިތުރުން ސިއްހީ ދާއިރާގެ ތެރޭން ރާއްޖޭން ބޭރުން މީހުން ތަމްރީން ކުރުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެ އެވެ.


މިއީ ޚަލީފާ ފައުންޑޭޝަންގެ ފަރާތުން ދުރުންދޭ ސިއްހީ ޚިދުމަތަކަށް ދޭ މިފަދަ ފުރަތަމަ އެހީ އެވެ.