މުހައްމަދު އަފްރާހު

މާލޭގައި ފުރަތަމަ ފަހަރަށް ތާރު އެޅި ބޮޑުތަކުރުފާނު މަގުގެ ހުޅަނގު ދެކުނުފަރާތް ދަތުރުފަތުރަށް ހުޅުވާލައިފި އެވެ.

ތާރުއަޅާފައި ވަނީ ބޮޑުތަކުރުފާނު މަގުން ކަޅުތުއްކަލާ ކޮށިން ފެށިގެން މެރީބުރައުންއާ ހިސާބަށެވެ. ސަރުކާރުން ނިންމާފައި ވަނީ މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތާރުއެޅިމަގެއްގެ ގޮތުގައި މަރާމާތު ކުރުމަށެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރުއެޅި ސަރަހައްދުގައި މިއަދު އުޅަނދުތައް ދުއްވަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ އިންޑަސްޓުރިއަލްވިލެޖްގެ މައި މަގެއްގެ ގޮތުން ބޭނުންކުރަން ބޮޑުތަކުރުފާނު މަގުގަ ތާރު އަޅާ ފައިވާ އެ ސަރަހައްދު އާމުންނަށް ހުޅުވާލީ ޓުރަފިކަށް ލުއެއް ދިނުމަށް ކަމަށެވެ.

ތާރު އެޅިމަގުގެ އިތުރުން އިއްޒުއްދީން މަގު ވެސް ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.

ބޮޑުތަރުފާނު މަގުން ބޮޑު ސަރަހައްދެއް ބަންދުކުރުމާއެކު މާލޭގެ ޓުރެފިކަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވި އެވެ.

ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދު މަރާމާތައް ބަންދުކޮށްފައި ވަނީ މީގެ ހަތަރު މަސް ކުރިންނެވެ. ސަރުކާރުން މިހާރު ވަނީ މާލޭގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫއު ފަށާފަ އެވެ.