ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު، ކަރަން ޖޯހަރު އަދި ބަތަލާ ކެޓްރީނާ ކައިފް އަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އެހެންކަމުން ކަރަން ވަނީ މަޝްހޫރު ފަރާތްތަކާއި އެކު ވާހަކަދައްކައި ގުޅުން ބަދަހި ކުރުމަށް އޭނާ ގެނެސްދޭ ގެނެސްދޭ ޗެޓް ޝޯ "ކޮފީ ވިތު ކަރަން” އަށް ކެޓްރީނާ އަށް ވެސް ދައުވަތު ދީފަ އެވެ.

ޝާހު ރުކް ޚާން، އާލިއާ ބަޓް، އަކްޝޭ ކުމާރު އަދި ޓުވިންކަލް ޚައްނާ ފަދަ ތަރިން ޝޯވް އަށް އެއްބަސްވި ނަމަވެސް، ކަރަން އާއެކު ކޮފީގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކެޓްރީނާ މިވަނީ ދެކޮޅު ހަދައިފަ އެވެ.

ޚަބަރުތައް ބުނާގޮތުން، ކަރަންގެ ޝޯވް އަށް ކެޓްރީނާ ނޫނެކޭ ބުނީ، އެ ޝޯވްގައި އޭނާ އާއި ހުނަރުވެރި ބަތަލު ރަންބީރު ކަޕޫރުގެ ގުޅުން ނިމުނު ސަބަބާ ގުޅޭ ގޮތުން ސުވާލު އަމާޒު ކުރާނެކަން އެނގޭތީ އެވެ.

“ކޮފީ ވިތު ކަރަން” އަކީ ފަންނާނުންގެ ޒާތީ ދިރިއުޅުމާ ގުޅޭ ސުވާލުތަކަށް ޖަވާބު ހޯދާ ޝޯވް އެއްގެ ގޮތުގައި ފާހަގަކޮށްލެވެ އެވެ.

އެހެންކަމުން ޝޯވް އަށް އެއްބަސްވެއްޖެ ނަމަ، އޭނާގެ ކުރީގެ ލޯބިވެރިން ކަމުގައިވާ ސަލްމާން ޚާން އަދި ރަންބީރު ކަޕޫރުގެ ވާހަކަތައް ވެސް ދައްކަން ޖެހޭނެކަން ކެޓްރީނާ އަށް އެނގެ އެވެ. އަދި ޓީވީ ގައި އެ ސުވާލުތަކަށް ޖަވާބު ދޭން އޭނާ ތައްޔާރު ނޫން ކަމަށް ވާތީ، ޝޯވ އަށް ދިއުމަށް ކަރަން ދިން ދައުވަތު ކެޓްރީނާ ގަބޫލު ނުކުރީ ކަމަށް ޚަބަރުތައް ބުނެ އެވެ.

ރަންބީރާ ދެމީހުންގެ ގުޅުން ނިންމާލި ފަހުން މީޑިއާ އިން ކުރި ސުވާލަކަށް ވެސް ކެޓްރީނާ މިހާތަނަށް ޖަވާބު ދީފައެއް ނުވެ އެވެ.

ކެޓްރީނާ އަކީ “ކޮފީ ވިތު ކަރަން” އަށް ނޫނެކޭ ބުނި ފުރަތަމަ ފަންނާނެއް ނޫނެވެ. ކަރަންގެ އެންމެ ފަހުގެ ފިލްމު ‘އޭ ދިލް ހެ މުޝްކިލް” ގައި ލީޑު ރޯލުން ފެނިގެން ދިޔަ އަނުޝްކާ ޝަރްމާ ވެސް ވަނީ ޝޯވ އަށް ދާން އިންކާރު ކޮށްފަ އެވެ. އަނުޝްކާ ވެސް ކަރަންގެ ޝޯވ އަށް ދާން ބޭނުން ނުވީ އޭނާގެ ލޯބިވެރިޔާ ވިރާތު ކޯލީ އާ ގުޅޭގޮތުން އަމާޒު ވާނެ ސުވާލުތަކަށް ޖަވާބު ދޭން ބޭނުން ނުވާތީ ކަމަށް ބެލެވެ އެވެ.