ސްކޫލްތަކުގެ ބަންދާ އެކު މާލޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފުލުހުން ނިންމައިފި އެވެ.

ޗުއްޓީއާ އެކު އެތައް ބަޔަކު މާލެއިން ބޭރަށް ދަތުރުކުރާއިރު ގިނަ އަދަދެއްގެ ބަޔަކު އަތޮޅުތެރެއިން މާލެއަށް އާދެއެވެ. ކޮންމެ އަހަރެއްގެ ޗުއްޓީ ދުވަސްވަރަކީވައްކަމާއިޓުރެފިކް މައްސަލަތައް ފަދަ ކަންކަން ދިމާވާ ދުވަސްވަރެކެވެ.

ފުލުހުންގެ ސެންޓަރަލް އޮޕަރޭޝަން ކޮމާންޑަރު ހަމްދޫން ރަޝީދު މިއަދު ވިދާޅުވީ، މީހުން ހޭލުންތެރި ކުރުމަށް ފުލުހުން މާލޭގެ ގެތަކަށް ގޮސް ސަމާލުކަން ދޭންވީ ކަންތައްތައް މީހުންނަށް ބުނެދީ ކިޔައިދީ ހަދަމުން އަންނަ ކަމަށެވެ.

ދިގު މުއްދަތުގެ ޗުއްޓީއަކަށް ދާއިރު އެޕާޓްމަންޓްތަކާއި އޮފީސްތައް ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުން މުހިންމު ކަމަށާއި ޗުއްޓީ ނިންމުމަށް ފަހު އަންނައިރު ކޮށްފައިވާ ވައްކަންތައް ފުލުހުންނަށް ހުށައެޅުމުން އެކަންކަން ތަހުގީގު ކުރުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ހަމްދޫން ވިދާޅުވި އެވެ.

"ގެ ތަޅުލާފައި ދިއުމަށާއި ގެ ނުވަތަ އެޕާޓްމަންޓް ޒިންމާދާރު ފަރާތަކަށް ހަވާލުކޮށްފައި ދިއުމަށް އިލްތިމާސްކޮށް ވާހަކަ ދެކެވެމުން މިދަނީ،" ހަމްދޫން ވިދާޅުވި އެވެ.

ޗުއްޓީއާ އެކު މީހުން މަދުވާ ވަގުތު ގިނަ ފުލުހުން ޕެޓްރޯލް ކުރުމަށް ހަރަކާތްތެރިވުމަށާއި ގިނަ ޗެކްޕޮއިންޓްތަކެއް މާލޭގައި ބަހައްޓައިގެން ބަލައި ފާސްކުރަމުން އަންނާނެކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.

އަތޮޅުތެރެއިން މާލެ އަންނައިރު އަގުބޮޑެތި ގަހަނާއާއި ގިނަ އަދަދެއްގެ ފައިސާ ނުގެނައުމަށް ވެސް ފުލުހުން އިލްތިމާސް ކުރައްވަ އެވެ. ގެންނަ ޖެހޭ ހާލަތުގައި ހާއްސަ ސަމާލުކަމެއް ދީގެން އެތަކެތި ބެލެހެއްޓުމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.

ގިނަ ބަޔަކު ދަތުރުކުރުމަށް ހަރަކާތްތެރިވާއިރު ލަގެޖްތައް އޮޅުމާއި ގެއްލުން ފަދަ މައްސަލަތައް ދިމާވާ ކަމަށާއި އެކަންކަން ހައްލު ކުރުމަށް ލަގެޖުތަކުގައި ގުޅޭނެ ނަމްބަރެއް ޖެހުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.