ދެކުނު އޭޝިއާ ސަރަހައްދަށް ހާއްސަކޮށްގެން ދޭ އެންމެ ޝަރަފްވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގައި ވިޒިޓާސް ޗޮއިސް އެވޯޑްސްގެ ފަސް އެވޯޑެއް ރާއްޖެއަށް ލިބިއްޖެ އެވެ.

ދުއިއްސަތައް އަހަރަށްވުރެ ދިގު ތާރީހެއް އޮތް ސްރީލަންކާގެ އެންމެ ދުވަސްވީ ލަގްޒަރީ ހޮޓެލް، މައުންޓް ލެވީނިއާގައި ރޭ ބޭއްވި ސަޓާގެ ގާލާ ހަފްލާގައި ޖުމްލަ ހަތް ވިޒިޓާސް ޗޮއިސް އެވޯޑް ދީފައިވެ އެވެ. އެގޮތުން، ރާއްޖެއާ ސްރީލަންކާގެ އިތުރުން އިންޑިއާއިން ވާދަކުރާ މިއަހަރުގެ ސަޓާ އެވޯޑްސްގައި ފަސް ވިޒިޓާސް އެވޯޑެއް ރާއްޖެއަށް ލިބުނުއިރު، ސްރީ ލަންކާ އަދި އިންޑިއާ އަށް ވެސް ވަނީ އެވޯޑެއް ލިބިފައެވެ.

ވިޒިޓާސް ޗޮއިސް ރާއްޖެއަށް ލިބުނު ދާއިރާތަކުގެ ތެރެއިން އެންމެ މަގްބޫލު ހަނީމޫން މަންޒިލަށާއި މަގްބޫލް ބީޗް މަންޒިލްގެ އެވޯޑް ރާއްޖެއަށް ލިބުނީ އިންޑިއާ އަދި ސްރީލަންކާއާ ވާދަކޮށެވެ. އަދި ސްރީލަންކާއާ ވާދަކޮށް އެންމެ މަގްބޫލް ޑައިވިން މަންޒިލްގެ އެވޯޑާއި އެންމެ މަގްބޫލް ސާފިން މަންޒިލްގެ އެވޯޑް ވެސް ލިބުނީ ރާއްޖެއަށެވެ.

އޭގެ އިތުރުން އެންމެ މަގްބޫލް ކުރޫސިން މަންޒިލުގެ އެވޯޑް ރާއްޖެއަށް ލިބުނީ އިންޑިއާއާ ވާދަކޮށްގެންނެވެ.

ވިޒިޓާސް ޗޮއިސް އެވޯޑްސްގައި ސްރީލަންކާއަށް ލިބިފައިވަނީ އެންމެ މަގްބޫލް ހެރިޓޭޖް މަންޒިލުގެ އެވޯޑެވެ. އެ އެވޯޑަށް ސްރީލަންކާއާ ވާދަކުރީ ވާދަވެރި އިންޑިއާއެވެ. އަދި އެންމެ މަގްބޫލް މައިސް މަންޒިލްގެ އެވޯޑް ރާއްޖެ އަދި ސްރީލަންކާއާ ވާދަކޮށް ލިބުނީ އިންޑިއާއަށެވެ.

ބޮޑުބެރާ ދިވެހި ސަގާފީ ބައެއް ހަރަކާތްތަކާއެކު ރޭ ބޭއްވި ސަޓާގެ ގާލާ ހަފްލާގައި ޖުމްލަ 29 ކެޓަގަރީއަކުން އެވޯޑްދީފައިވެ އެވެ. އެގޮތުން، ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިންތަކުގެ ތެރެއިން 270 އަށްވުރެ ގިނަ ނޮމިނީސް ވާދަކުރި މިއަހަރުގެ ސަޓާ އެވޯޑްސްގައި ރާއްޖެއަށް ވަނީ 18 ކެޓަގަރީއަކުން އެވޯޑް ލިބިފައެވެ.