17 Nov 2016, 09:04
ކޮލަމްބޯ އިން: މުހައްމަދު ސިމާއު
ދެކުނު އޭޝިއާގެ ސަރަހައްދަށް ހާއްސަކޮށްގެން ދޭ އެންމެ ޝަރަފްވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އިން ހޮވި ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން ލީޑިން ވެލްނެސް އެންޑް ސްޕާގެ އެވޯޑާއި ދެކުނު އޭޝިއާ އެންމެ މަގްބޫލު ވެލްނެސް އެންޑް ސްޕާއަށް ދޭ އެވޯޑް ރާއްޖޭގައި ސަން ސިޔާމް އިރުފުށި ރިސޯޓަށް ލިބިއްޖެ އެވެ.
ލީޑިން ވެލްނެސް އެންޑް ސްޕާ ހޮޓެލް، ރިސޯޓް ކެޓަގަރީއަށް ނޮމިނޭޓްވި 10 ފަރާތަކާ ވާދަކޮށް ލިބުނު އެ ދެ އެވޯޑް ސަން ސިޔާމް އިރުފުއްޓާ ލިބުނުކަން އިއުލާންކުރީ ސްރީ ލަންކާގައި ހުންނަ ލަގްޒަރީ ހޮޓެލް މައުންޓް ލެވީނިއާގައި ރޭ ބޭއްވި ސަޓާގެ ގާލާ ހަފްލާގަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އާ ބެންޗުމާކުތަކެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ ސަން ސިޔާމް އިރުފުށީގައި ގާއިމްކޮށްފައިވާ "ދަ ސްޕާ ބައި ތަލްގޯ"އަކީ ވަރަށް ތަފާތު ޓްރީޓްމެންޓުތަކެއްދޭ ސްޕާ އެކެވެ. އެތަނަކީ ރާއްޖޭގައި "ފިޝް ސްޕާ ތެރަޕީ" ދޭ ހަމައެކަނި ސްޕާ ކަން ފާހަގަ ކުރެވެ އެވެ.
ދަ ސްޕާ ބައި ތަލްގޯއިން ދޭ ޚިދުމަތްތަކުގެ ތެރޭގައި އެންޓި އޭޖިންގް ފޭޝަލްސް، ބޮޑީ ތެރަޕީސް، ސްލިމިންގް ޓްރީޓްމެންޓްސް، މަސާޖު ތެރަޕީސް، އާޔުރްވެދާ ޓްރީޓްމެންޓުތަކާއި، ޗައިނީޒް އަދި ދިވެހި ޓްރީޓްމެންޓުތައް ހިމެނެ އެވެ. އަދި ޔޯގާ، މެޑިޓޭޝަން، ޓައިޗީ، ޕްރަނަޔާމާ އަދި ޕިލާޓީސް ފަދަ ކްލާސްތައް ވެސް އެތަނުން ނަގައިދެ އެވެ.
އޭޝިއާގެ އިތުރުން މުޅި ދުނިޔޭގެ ވެސް މަޝްހޫރު އެ ސްޕާއަށް ވަނީ ބައިނަލްއަގްވާމީ ގޮތުންނާއި ސަރަހައްދީ އަދި ރާއްޖޭގެ ފެންވަރުގެ އެވޯޑްތަކެއް ވެސް މިއަހަރުގެ ތެރޭގައި ލިބިފަ އެވެ.
އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭއްވި ދުނިޔޭގެ އެންމެ މަގްބޫލް ލަގްޒަރީ ހޮޓެލްތައް ފާހަގަކޮށް ދުނިޔޭގައި ދެމުން އަންނަ އެންމެ ޝަރަފްވެރި އެވޯޑް، ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ސަރަހައްދުގެ އެންމެ ލަގްޒަރީ ސްޕާ ހޮޓެލްގެ އެވޯޑް ލިބިފަ އެވެ.
އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި، ދުނިޔޭގެ ސުޕާތަކުގެ އަގު ވަޒަންކޮށްދޭ ވޯލްޑް ސްޕާ އެވޯޑްސްގައި އިންޑިއާ ކަނޑު ސަރަހައްދުގެ އެންމެ ރަނގަޅު ސްޕާގެ އެވޯޑާއި ރާއްޖޭގެ އެންމެ ރަނގަޅު ސްޕާގެ އެވޯޑް ލިބިފައި ވަނީ ވެސް ސަން ސިޔާމް އިރުފުށި ރިސޯޓަށެވެ.
މީގެ އިތުރުން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޭއްވި ފުރަތަމަ ވޯލްޑް ލަގްޒަރީ ރެސްޓޯރެންޓް އެންޑް ސުޕާ އެވޯޑުގައި 38 ގައުމަކާ ވާދަކޮށް ސަން ސިޔާމް އިރުފުށި ރިސޯޓް ވަނީ ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން އެންމެ މަގްބޫލް ސްޕާ އަށްދޭ "ބެސްޓް ލަގްޒަރީ ސްޕާ ރިސޯޓް އިން ދަ މޯލްޑިވްސް" އެވޯޑް ހޯދައިފަ އެވެ.