ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަހަތްޕުޅަށް އަރާވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އަދި މައުމޫން ފެކްޝަންގެ ނައިބު ރައީސް މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ)، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ގޮވާލައްވައިފިއެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީސް ހުޅުވުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައްޑޭ ވިދާޅުވީ، ރައީސް މައުމޫން އަދިވެސް އެ ހުންނެވީ ޕީޕީއެމްގެ ރައީސްގެ ގޮތުގައި ކަމަށާއި އެމަނިކުފާނުގެ ފަހަތްޕުޅަށް އަރާވަޑައިގަތުމަށް ރައީސް ޔާމީނަށް ގޮވާލާ ކަމަށެވެ.

"އަޅުގަނޑު މިއަރުވަނީ ދައުވަތު، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް. އަދި ޕާޓީގައި ތިއްބެވި އެހެން ބޭބޭފުޅުންނަށް ވެސް އަޅުގަނޑު ދައުވަތު މިއަރުވަނީ. އަޅުގަނޑުމެންގެ ޕާޓީގެ ރައީސް މިހުންނެވީއޭ. އަދިވެސް ރައީސްގެ ގޮތުގައޭ،" ވައްޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ފެކްޝަނުން ބޭއްވި ޖަލްސާގެ ޕޯޑިއަމްގައި ދެއްކި ވާހަކަތަކުން ރައީސް މައުމޫންގެ މުހިންމުކަން އެބޭފުޅުންނަށް އޮތްކަން އެނގިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެ ފެކްޝަންގެ ބޭފުޅުން ރައީސް މައުމޫނާ ގުޅިވަޑައިގަތުމަށް ވައްޑޭ ވަނީ ގޮވާލައްވައިފައެވެ.

މިރޭގެ ޖަލްސާގައި ވައްޑޭ ވަނީ މި ސަރުކާރުގެ ބައެއް ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީނަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގެންނެވިފައި ވަނީ ރައީސް މައުމޫންގެ ބުރަ މަސައްކަތުން ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ރައީސް ޔާމީނަށް ތާއީދު ކުރަން ނިންމީ ރައީސް މައުމޫންގެ ބުރަ މަސައްކަތުން ކަމަށް ވައްޑޭ ވިދާޅުވިއެވެ.

ނަމަވެސް މިއަދު އެ ޕާޓީތައް އޮތީ ޕީޕީއެމްގެ ސަރުކާރާއެކު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ އެއްބައިވި ހުރިހާ ބޭފުޅުން މިއަދު ކޮންތާކުތޯވީ. އެނގިވަޑައިގަންނަވާތޯ. އިސް ލީޑަރުން ކޮންތާކުތޯ ތިއްބެވީ. ކޮންކަމެއްތޯ މިވީ. ކީއްތޯ މިކުރީ. އެންމެފަހުން އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ސިޔާސީ ލީޑަރެއްގެ ގޮތުގައި ހުންނެވި އަޅުގަނޑުމެންގެ ރައީސް މައުމޫން ވެސް އެންމެ ފަހުން ބޭރު ކުރެއްވީ،" ވައްޑޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ މެމްބަރުން އަދިވެސް ތިބީ ރައީސް މައުމޫންގެ ފަހަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދު ފެނިގެން މިދަނީ ރައީސް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅެއް ކަމުގައިވާނަމަ ސަރުކާރުގެ ވަޒީފާއިން ވަކިކޮށް ބިކަކޮށްލާ މަންޒަރު ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގައި މުޅި ރާއްޖެއިން ކާޑުގެ ސަބްސިޑީޒް ހައްގުވަނީ 70 އާއިލާ އިން ކަމަށް އެންސްޕާ އިން ބުނެފައިވާތީ އެކަމާ ގުޅޭގޮތުން ވައްޑޭ ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި މާރުކޭޓުގެ ގޮޅި ކައިރީގައި ވެސް ސަބްސިޑީޒް ހައްގުވާ އެއަށްވުރެ ގިނަ މީހުން ތިބޭނެ ކަމަށެވެ.