ޕީޕީއެމްގެ އޮފީސް ކުރިން ހިންގި އިމާރާތްކަމަށްވާ، ހ. ތެމާ ގައި "ޕީޕީއެމްގެ ރައީސްގެ އޮފީސް"ގެ ނަމުގައި މިރޭ އޮފީހެއް ހުޅުވައިފި އެވެ.

މިރޭ 9.30 ހާއިރު އެ އޮފީސް ހުޅުވައި ދެއްވީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމެވެ.

އޮފީސް ހުޅުވުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، އާ އޮފީހެއް ހުޅުވައިގެން ކުރަން ޖެހޭ ކަމަކީ ޕާޓީ އިތުރަށް ހަރުދަނާކޮށް ޕާޓީގެ އުސޫލުތަކާއި ސިޔާސަތުގެ ދަށުން އާއްމު ރައްޔިިތުންނަށް އިތުރު ތަނަވަސް ކަމާއި އަމަން އަމާންކަން ހޯދައިދިނުން ކަމަށެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީސް ހުޅުވުމަށްފަހު ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ، އައު އޮފީހެއް ހުޅުވިގެން ދިއުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި، އިހުނަށްވުރެ ޕާޓީގެ އަސާސީ ގަވާއިދާއި އުސޫލު ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"މިރޭ ފާހަގަ ކުރެވެނީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ރައީސަށް ވަކިން އޮފީހެއް ހުޅުވިގެން ދާ ދިއުން. މިއީ ޕާޓީގެ ހައިބަތާއި، ޕާޓީއަށް ހޯދިފައިވާ ކުރިއެރުން ހާމަކޮށްދޭ ވަރަށް ވަރުގަދަ ރަމްޒެއް،" އަލީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީސް ހުޅުވުމުގެ ހަފްލާގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ޕީޕީއެމް މައުމޫން ފެކްޝަންގެ ނައިބު ރައީސް އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އާއި، މައުމޫންގެ ދެ ދަރިކަނބަލުން ދުންޔާ މައުމޫނާއި، ޔުމްނާ މައުމޫނުގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި، ފެނަކައިގެ ކުރީގެ ޗެއާމަން މުހައްމަދު ނަދީމާއި ޕާޓީގެ ބައެއް އާއްމު މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.