ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިީގެ ފަރާތުން ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ މަހާސިންތާ މިމަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

އިސްލާމިކް ޔުނިވާސިޓީގައި ދެ ދުވަހުގެ މުއްދަތައް ބޭއްވުމަށް ހަމަޖައްސާފައިވާ އެ މަހާސިންތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ އިލްމުވެރިންނާއި ތައުލީމީ މުފައްކިރުންނާއި ތަޖުރިބާކާރުން ބައިވެރިވެ ދިރާސާ ކަރުދާސް ހުށަހަޅާނެ ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ.

އެ މަހާސިންތާގެ ކީނޯޓު ސްޕީކަރުންގެ ގޮތުގައި ސައުދީ އަރަބިއްޔާގެ އިމާމް މުހައްމަދު ބިން ސުއޫދު، އިސްލާމިކް ޔުނިވާސިޓީގެ ވައިސް ރެކްޓާ ޑރ. މުހައްމަދު ސައިދު އަލް އަލަމް އަލްޒަހްރާނީ އާއި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައި.އައި.ޔޫ.އެމް) ގެ ކޯޕަރޭޓް ކޮމިއުނިކޭޝަން އޮފީހުގެ ޑިރެކްޓަރު، ޕްރޮފެސަރު ޑރ. އައިނުލް ޖާރިއާ މައިދީން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް ޔުނިވާސިޓީން ބުނީ އެ މަހާސިންތާގެ ޕްރިމިލަނަރީ ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަކާއި ޕެރެލަލް ޑިސްކަޝަންގެ އިތުރުން ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަހާސިންތާގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމް އިސްލާމްއާބާދުގެ ރައީސް، ޕްރޮފެސަރު އަޙްމަދު ޔޫސުފް އަލީ ދްރަވީޝް އާއި ބުރުނާއި ދާރުއްސަލާމުގެ ސުލްތާން ޝަރީފް ޢަލީ، އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިޔުޓީ ރެކްޓަރު، ޕްރޮފެސަރު މުޙައްމަދު ޙުސައިން އަޙްމަދުގެ އިތުރުން ދުނިޔޭގެ އިސްލާމީ ޔުނިވާސިޓީތަކުގެ އިސްބޭފުޅުން އެ މަހާސިންތާގެ މެހެމާނުންގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް ޔުނިވާސިޓީން ބުނެ އެވެ.
އިސްލާމިކް ޔުނިވާސިޓީން ބުނީ އެ މަހާސިންތާގައި ރެޖިސްޓާ ކޮށްގެން ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 239 ބައިވެރިން ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.