އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން މާރިޔާ އަހުމަދު ދީދީ އިސްތިއުފާ ދެއްވައިވި އެވެ.

އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ )ޑރ. ޑީޑީ( ވިދާޅުވީ، މާރިޔާ އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރައްވާ މެމްބަރަކަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ ހަމަޖެއްސެވުމަށް މިއަދު ބޭއްވި އެޕާޓީގެ ކުއްލި ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ނިންމެވުމުން ކަމަށެވެ.

"މިއަދު ބޭއްވި ޕާލިމެންޓްރީ ގްރޫޕްގެ ވަރަށް ކުއްލި ބައްދަލުވުމަކުން މި ނިންމީ މާރިޔާ ޕާޓީގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް ހުށަހެޅުމަށް. ދެން އެކަމާ ވިދިގެން ޕާޓީގެ ޗެއާޕާސަންކަމުން އެބޭފުޅާ ވަނީ ރަސްމީކޮށް އިސްތިއުފާވެސް ދެއްވައިފަ،" ޑރ. ޑީޑީ ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވި ގޮތުގައި އެ މަގާމަށް އާ ބޭފުޅަކު އިންތިހާބުކުރުމުގެ ކަންތައް އަސާސީ ގަވައިދުގައި ހަމަޖެހިފައިވާ ގޮތަށް ކުރިއަށްދާނެ އެވެ. އަދި އެ އިންތިހާބު ބާއްވަން ދެން އެ މަގާމާ ވަގުތީ ގޮތުން ހަވާލުވާނެ ފަރާތެއް ކަނޑައެޅުމާ ބެހޭ ގޮތުން އަންނަ ހޮނިހިރު ދުވަހު ބާއްވާ އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބަހުސްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ވަގުތީ ޗެއާޕާސަނަކަށް ވަކި މީހަކު އައްޔަންކުރާނީތޯ ނުވަތަ ޗެއާޕަސަން ނައިބު އިދާރީގެ މަގާމުގައި ހުންނެވި ބޭފުޅާ އެމަގާމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާތީތޯ އެ ޖަލްސާގައި ނިންމަވާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ޑރ. ޑީޑީ ވިދާޅުވި އެވެ.

މިއަދު ބޭއްވި ޕާލިމެންޓްރީ ގްރޫޕްގެ ކުއްލި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މާރިޔާ ވިދާޅުވީ، މިއަދުން ފެށިގެން އެމްޑީޕީގެ ޗެއާޕާސަންކަމުގެ ހުރިހާ މަސްއޫލިއްޔަތުތަކުން ދުރުވެވަޑައިގެންނެވިކަން އިއުލާންކުރައްވައިފަ އެވެ. އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދާނީ ގައުމީ މަޖިލީހުންނާއި ޗެއާޕާސަންގެ ނައިބުން ކަމުގައިވެސް މާރިޔާ ވިދާޅުވި އެވެ.

އަދި ޖޭއެސްސީގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށާއި އެތަނުގައި އޭނާ ތަމްސީލު ކުރައްވާނީ އެމްޑީޕީ ނޫން ކަމަށާއި މަސައްކަތްކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދޭން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވީ ޖޭއެސްސީގެ މެމްބަރަކަށް ހަމަޖެއްސުމަށް ނިންމުމާ ގުޅިގެން ކަމަށް ވީ ނަމަވެސް، އެކޮމިޝަނުގައި ބައިވެރިވުމަށްޓަކައި ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދިނުން ލާޒިމެއް ނޫނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވާނެ ކަން މާރިޔާ ވަނީ ކުރިންވެސް އިއުލާންކުރައްވައިފަ އެވެ. އަދި އެމަގާމަށް ވާދަކުރައްވާނެ ކަމަށް ޕާލިމެންޓްރީ ގްރޫޕްގެ ލީޑާ ރީކޯ މޫސާ މަނިކާއި ވިޔަފާރިވެރިޔާ އަބްދުﷲ ޖަބިރާއި ކުރީގެ ފޮރިން މިނިސްޓާ ޑރ. އަހްމަދު ޝަހީދު ވަނީ އިއުލާންކުރައްވައިފަ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެކަމަނާ އެ މަގާމުން ވަކިވެވަޑައިގެންފައިވަނީ އޭނާ އެ މަގާމަށް ހޮވިވަަޑައިގަތީ ބައި އިލެކްޝަނަކުން ކަމަށް ބުނެ، ޕާޓީގެ އެތެރޭގެ ފިއްތުންތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.