16 Nov 2016, 20:15
ހދ. ހަނިމާދުއާއި ލ. އިސްދޫ ދާއިރާއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގިނަ އަދަދެއްގެ ޒުވާނުން ގުޅިއްޖެ އެވެ.
މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްދޫ ދާއިރާއިން 223 ފޯމާއި، ހަނިމާދޫ ދާއިރާއިން 107 ފޯމު ވަނީ ޕީޕީއެމް އާ ހަވާލުކޮށްފައެވެ. އިސްދޫ ދާއިރާގެ ފޯމުތައް ހަވާލުކޮށްދެއްވީ އެ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ރަޝީދު އިބްރާހީމެވެ. އަދި ހަނިމާދޫ ދާއިރާގެ ފޯމުތައް ހަވާލުކޮށް ދެއްވީ އެ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހުދީ އެވެ. އެ ފޯމްތަކާ ހަވާލުވެވަޑައިގަތީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް އެވެ.

ހަނިމާދޫ ދާއިރާގެ ފޯމުތައް އެ ދާއިރާގެ މެމްބަރު ހަވާލުކޮށް ދެއްވަނީ ---- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ހަލީލް ވިދާޅުވީ، އެ ޕާޓީގެ މަގުބޫލުކަން އިތުރު ވަމުން ދާ ކަމަށާއި، އޭގެ ސަބަބަކީ ޕާޓީގެ ހިންގުމާއި ލީޑާޝިޕަށް އައި ބަދަލު ކަމަށެވެ.
"މީގެ ކުރިން ޕާޓީގެ އެއްވެސް ހަރަކާތެއް ނެތް. ޕެރެލައިޒް ވެފަ އޮތް ޕާޓީއެއްގެ ގޮތުގައި ނޫނީ، ނިދާފަ އޮތް ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ފެނިގެން މިދިޔައީ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް މިފެންނަނީ މުޅިން ތަފާތު މަންޒަރެއް،" ހަލީލް ވިދާޅުވި އެވެ.
އޭނާގެ ވާހަކަފުޅުގައި، އެއްލައްކަ މެމްބަރުން ޕާޓީއަށް ހަމަކުރުމަކީ ރައީސް ޔާމީންގެ ލަނޑުދަނޑިއެއް ކަމަށާއި، ފެންނަ މަންޒަރުތަކަށް ބަލާފައި އެކަން ދުރުނޫން މުސްތަގުބަލެއްގައި ހާސިލް ވާނެ ކަމަަށް ވިދާޅުވި އެވެ.
ޑރ. ޚަލީލް ވިދާޅުވީ ޕާޓީގެ ހިންގުމާ ރައީސް ޔާމީން ހަވާލުވެ ވަޑައިގެންނެވި ފަހުން ކޮންމެ ދުވަހަކުވެސް މަދުވެގެން 150 އާއި 200 ދެމެދުގެ އަދަދަކަށް ޕާޓީއަށް ވަނުމަށް އެދޭ ފޯމު ލިބެމުންދާ ކަމަށެވެ. އަދި ރައީސް ޔާމީން ޕާޓީއާ ހަވާލުވި ފަހުން މިހާތަނަށް 5000 ފޯމު ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން 1800 ފޯމު ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި 2000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިސްދޫ ދާއިރާ އާއި ހަނިމާދޫ ދާއިރާއިން ޕާޓީއާ ގުޅުނު މެމްބަރުންގެ ފޯމު ހުށަހަޅާފައިވާއިރު، މިއަދު ހެނދުނު ވަނީ ތ. ގުރައިދޫން ވެސް 56 ފޯމު ޕީޕީއެމްގެ އޮފީހަށް ހުށަހަޅައިފައެވެ.