ތަޅާލާފައިވާ މާވެޔޮ މިސްކިތް (މަސްޖިދުލް ބަހާއުއްދީން) އިމާރާތް ކުރުމަށް ދައުލަތުގެ ބަޖެޓުން 15 މިލިޔަން ރުފިޔާ ހޭދަކޮށްގެން އެތަން ފަސް ބުރިއަށް އިމާރާތްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މާވެޔޮ މިސްކިތް އަލުން އިމާރާތް ކުރުމަށް އަމިއްލަ ފަރާތަކުން އެތަން ތަޅާލުމުގެ މަސައްކަތް މީގެ ނުވަ ވަރަކަށް މަސް ކުރިން ފެށި އިރު، މިހާތަނަށް ވެސް އެތަނުގެ މަސައްކަތް ކުރިޔަށް ގޮސްފައެއް ނުވެއެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު "ސަން" އަށް ވިދާޅުވި ގޮތުގައި، މާވެޔޮ މިސްކިތް ތަޅާލުމާ ގުޅިގެން މާފަންނު މެދާއި މައްޗަންގޯޅި ދެކުނުގެ ގިނަ ރައްޔިތުންނަށް ވަނީ، ނަމާދު ކުރުމަށް މިސްކިތަށް ދިއުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އަދި އެ ދަތިތަކާ ގުޅިގެން، އެކަމަށް ހައްލެއް ހޯދައިދިނުމަށް އެދި މިދިޔަ ރަމަޟާން މަހު އެ ދެ ދާއިރާގެ 2،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް، އިސްލާމިކް މިނިސްޓްރީއަށް ވަނީ ޕެޓިޝަނެއް ވެސް ފޮނުވައިފައި ކަމަށް އަސްމާ ވިދާޅުވިއެވެ.

މިދިޔަ ރަމަޟާން މަހާ ދިމާކޮށް، އެ މިސްކިތުގައި ނަމާދު ކުރެވޭ ގޮތް ވަގުތީ ގޮތުން ހަމަޖެއްސެވުނެވެ.

އެހެން ނަމަވެސް އެސަރަހައްދުގެ މިސްކިތް ތަޅާލައި، އަލުން އެތަން އިމާރާތް ނުކުރެވި ގިނަ ދުވަސް ވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާ ހުރެ، ރައީސުލްޖުމްހޫރިއްޔާ އަމިއްލައަށް އިސްނަންގަވައިގެން، މާވެޔޮ މިސްކިތް ފަސް ބުރިއަށް އިމާރާތް ކުރެއްވުމަށް ބަޖެޓުގައި ހުށަހަޅުއްވާފައިވާ ކަމަށް، ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ އަސްމާ ވިދާޅުވިއެވެ.

"ދައުލަތުގެ ބަޖެޓުން 15 މިލިޔަން ރުފިޔާ ޚަރަދުކޮށް، ފަސް ބުރިއަށް އެތަން ހެދުމަށް ރައީސް ނިންމަވާފައިވަނީ. ދެ ފަރާތުން ދުވާ ސިޑި (އެސްކަލޭޓަރ) ވެސް ލައްވާނެ ކަމަށް ރައީސް ވިދާޅުވި،" އަސްމާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި، މާވެޔޮ މިސްކިތަށް ޖާގަ ބޮޑުކުރުމުގެ ގޮތުން، މިސްކިތުގެ އެއްފަރާތުގައި ހުންނަ ސްޓެލްކޯގެ ސަބް ސްޓޭޝަން ވެސް އެހެން ތަނަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ވިދާޅުވި ގޮތުގައި، އެ ދާއިރާގެ ރައްޔިތުންގެ ގިނަ ބަޔަކަށް ގެދޮރުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ދިމާވެފައެވެ. އަދި މިހާރު މިސްކިތް ނެތުމުގެ ސަބަބުން އެކަމުގެ ދަތިތަކާ އިތުރަށް ކުރިމަތިލާން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"މިސްކިތް އެޅުމުން މާފަންނު މެދު އަދި މައްޗަންގޯޅި ދެކުނުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑަށް ފަސޭހަވެ، ފައިދާ ކުރާނެ،" އަސްމާ ވިދާޅުވިއެވެ.

މާވެޔޮ މިސްކިތުގެ އިތުރުން މާލޭ މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް ވެސް ތަޅާލައި، އެތަނުގައި 10 ބުރީގެ ބޮޑު މިސްކިތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. ޒިކުރާ މިސްކިތަށް ވެސް 2017 ވަނަ އަހަރު 17.2 މިލިޔަން ރުފިޔާ ޚަރަދުކުރަން ނިންމާފައިވާ އިރު، ކުރިޔަށް އޮތް ތިން އަހަރު ތެރޭގައި އެތަނުގެ އިމާރާތް ކުރުމަށް ޖުމްލަ 115.2 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވެއެވެ.